ސިޔާސީ މަސައްކަތް ކުރަނީ ކާންބޯން ނުލިބޭތީވެ ނޫން ކަމަށާއި އެކަން ކުރަނީ ކުރާހިތުން ކަމަށް އެމްޑީޕީގެ ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒެއިނާ މިހެން ވިދާޅުވީ އޭނާ އެމްޑީޕީގެ ޕްރައިމަރީއިން ނުހޮވުނީމައި އެކަމާ އުފާ ފާޅުކުރަމުން ދިޔަ އެންމެންނާއި މުހާތަބު ކުރަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ ހައްގު ބަސް ބުނުމަށް ގޮނޑިއެއް ބޭނުމެއް ނުވާ ކަމަށާއި އެމްޑީޕީގައި ސާބިތުވެ ހުރެ އަދިވެސް ހައްގު ބަސް ބުނާނެ ކަމަށެވެ.
މީގެއިތުރުން ރޮޒެއިނާ ވިދާޅުވީ އޭނާއަށް ފުރައްސާރަކުރުމުން ފެންނަނީ އޭނާދެކެ ޖެހިލުންވާ މިންވަރު ކަމަށެވެ. މީގެއިތުރުން މީހުންގެެ ހިތުގައި އޮތް ހަސަދަ ވެރިކަމާއި ރުޅިވެރިކަންވެސް މީގެން ދައްކުވައިދޭ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. ރޮޒެއިނާ ވަނީ އޭނާގެ ސިޔާސީ ހަޔާތުގައި އެއްވެސް މީހަކާ ދިމާލައް ޒާތީ ބަހެއް ބުނެފައި ނުވާނެ ކަމަށް ވެސް ބުނެފައެވެ.