ވިހި ވަނަ ރައްޔިތުންގެ މަޖިލިސްގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބޭއްވި ޕްރައިމަރީގައި ކާށިދޫ ދާއިރާ ކާމިޔާބުކުރެއްވި މިހާރު ވެސް އެ ދާއިރާގެ މަޖިލީހުގެ މެންބަރު, ހ.ތިމާވެށި އަބްދުالله ޖާބިރުގެ ޓިކެޓް އިދިކޮޅު އެ ޕާޓީން އަތުލައިފިއެވެ.
ދެންމެ އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމެޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ, އަބްދުﷲ ޖާބިރު، އެ ޕާޓީގެ މެންބަރެއްގެގޮތުގައި އަދި ކެނޑިޑޭޓަކަށްވެހުރެ، މުޖުތަމައުގެ އާއްމު މިންގަނޑާ ހިލާފަށް ރައްޔިތުންނާއި ބޭއަދަބީ ބަހުރުވައިން މުޢާމަލާތްކޮށް މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކޮށް އަމަލުކުރަމުންދާތީ، އެ ކަމަކީ ޕާޓީއާއި ޕާޓީގެ އާންމު މެންބަރުންގެ މަސްލަހަތަށް އުނިކަންލިބޭ ފަދަ އަމަލެއްކަމުގައިވާތީ ޕާޓީގެ ފިޔަވަޅުއަޅާ ކޮމިޓީއަށް ހުށައެޅިފައިވާ މައްސަލަ ބަލާފައިވާ ކަމަށެވެ.
އަދި ވިހިވަނަ މަޖިލިސްގެ އިންތިހާބުގައި މިޕާޓީގެ ފަރާތުން ޖާބިރަށް ވާދަކުރުމުގެ ފުރުސަތު ނުދިނުމަށާއި، އަދި މިއަދުން ފެށިގެން ޕާޓީގެ މެންބަރުކަމުން ވަކިކުރުމަށް ޕާޓީގެ ފިޔަވަޅުއަޅާ ކޮމެޓީން ވަނީ ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ, ޖާބިރު އެ ޕާޓީއާ އަލުން ގުޅުމަށް އެދުނުކަމުގައި ވީނަމަވެސް އެފުރުސަތު ލިބޭނީ އެ ޕާޓީގެ ގައުމީ މަޖިލިހަށް ހުށައަޅައި އެމަޖިލިހުން ނިންމަވާގޮތެއްގެ މަތިންކަމަށެވެ.
މީގެއިތުރުން އެމްޑީޕީއާ ގުޅުމުގެ ފުރުސަތު ދެވުނުކަމުގައިވީ ނަމަވެސް އަބްދުﷲ ޖާބިރު އެ ޕާޓީގެ މެންބަރަކަށްވާ ދުވަހުންފެށިގެން މީލާދީ 5 އަހަރު ދުވަހުގެ މުއްދަތެއް ޕާޓީގެ އެއްވެސް މަގާމަކަށް އަދި ޕްރައިމަރީއެއްގައި ވާދަކުރުމުގެ ފުރުސަތު ނުލިބޭނެ ގޮތަށް ފިޔަވަޅު އަޅާ ކޮމިޓީން ވަނީ ނިންމާފައެވެ.