ކޮޅުމަޑުލު ގުރައިދޫ އެއަރޕޯޓުގެ މަސައްކަތް މިއަހަރު ފައްޓަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ގުރައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅު ފައްޓަވަމުން، އެމަނިކުފާނު އެރަށަށް ވަޑައިގަތުމުން ރަށުގެ ރައްޔިތުންގެ ފަރާތުން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ މިއަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅަން ލިބުނު މަދު ވަގުތުކޮޅުގެ ތެރޭގައި، ބަޖެޓުގައި ހިމެނެންހުރި ގިނަ ކަންތައްތައް ހިމަނާފައިވާނެކަމުގައެވެ. އަދި ގުރައިދޫގެ އެއަރޕޯޓްގެ މަސައްކަތަކީ އެރަށުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންތައްކަން ފާހަގަކުރައްވައި، އެމަސައްކަތް ބަޖެޓުގައި ހިމެނިފައި ނެތް ނަމަވެސް ކުރިއަށް ގެންދަވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

އަދި އެއަރޕޯޓުގެ އިތުރުން ރަށުގެ ތަރައްގީއަށް ބޭނުންވާ އަދި ރައްޔިތުން ހުށަހަޅާފައިވާ އެކިއެކި ކަންކަންވެސް ވައުދުވެވަޑައިގެންނެވި ގޮތަށް ކޮށްދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާރު އޮތްގޮތުން، އެކަންކަމުގެ ލިސްޓު، އެންމެ އިސްކަންދޭ ކަންކަން ކުރިއަށް ހިމެނޭގޮތަށް ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު ތަރުތީބުކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ހަގީގީ މާނައިގައި ދެމެހެއްޓެނިވި ތަރައްގީ ރައްޔިތުންނަށް ގެނެސްދެއްވުން ކަމުގައެވެ.