އިނގިރޭސި ޕްރިމިއާ ލީގުގައި ބްރެންޓްފޯޑާ ބައްދަލުކުރި މެޗު ފަހަތުން އަރައި 3-1 އިން ކާމިޔާބުކޮށް ތާވަލުގެ ދެވަނައަށް ސިޓީއިން ޖެހިލައިފިއެވެ.
ބްރެންޓްފޯޑުގެ ޖީޓެކް ކޮމިއުނިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅެފައިވަނީ ސިޓީއިންނެވެ. ނަމަވެސް މެޗުގެ 21 ވަނަ މިނެޓުގައި ނީލް މައުޕޭ ކާމިޔާބުކޮށްދިން ލަނޑާއެކު މެޗުގައި އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ ބްރެންޓްފޯޑެވެ. މައުޕޭގެ ލަނޑާއެކު ސިޓީއިން ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށް ބްރެންޓްފޯޑުގެ ގޯލާ ދިމާލަށް އެތައް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް ބްރެންޓްފޯޑުގެ ގޯލްކީޕާރ މާކް ފްލެކެން ވަނީ ހުށިޔާރުކަމާއެކު އެހަމަލާތަށް މަތަކޮށްފައެވެ.
މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ފްލެކެން ކައިރިން ސިޓީއަށް ލަނޑު ޖެހުނީ ފުރަތަމަ ހާފުގެ ވަގުތު ހަމަވެ ކުޅުނު އިތުރު ވަގުތުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފިލް ފޯޑެންއެވެ. މެޗުގެ 53 ވަނަ މިނެޓުގައި ފޯޑެން ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި މެޗުގެ ނަތީޖާ އަނބުރާލާފައެވެ. ފޯޑެން ވަނީ މެޗުގެ 70 ވަނަ މިނެޓިގައި އޭނާގެ ތިން ވަނަ ލަނޑު ޖަހައި ހެޓްރިކް ހަދާފައެވެ. ފޯޑެންގެ ތިން ވަނަ ލަނޑާއެކު ސިޓީ މެޗު ކާމިޔާބުކުރީ 3-1 ގެ ނަތީޖާ އަކުންނެވެ.
މެޗުން ލިބުނު ތިން ޕޮއިންޓާއެކު ސިޓީ އޮތީ ކުޅުނު 22 މެޗުން ލިބުނު 49 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. އެއް ވަނައިގައި އޮތް ލިވަޕޫލު ފަހާލުމުގެ ފުރުސަތު އެޓީމަށް އެބައޮތެވެ. ލިވަޕޫލު އެއްވަނައިގައި އޮތީ ސިޓީއަށްވުރެ އެއް މެޗު އިތުރަށް ކުޅެ ލިބުނު 51 ޕޮއިންޓާއެކުގައެވެ. މެޗުން ނާކާމިޔާބުވި ބްރެންޓްފޯޑް އޮތީ ކުޅުނު 22 މެޗުން ލިބުނު 22 ޕޮއިންޓާއެކު ތާވަލުގެ 15 ވަނައިގައެވެ.