އދގެ ސަލާމަތީ މަޖިލީހުގައި އެމެރިކާއާ ދެކޮޅަށް ރަޝިޔާ އާއި ޗައިނާ އިން އަޑުއުފުލައިފިއެވެ.

އިއްޔެ އދގެ ސަލާމަތީ މަޖިލީހުގައި ބޭއްވި ބައްދަލުވުމުގައި ރަޝިޔާއާއި ޗައިނާއިން ވަނީ މެދުއިރުމަތީގައި އުފެދެމުންދާ ހަމަނުޖެހުމަކީ އެމެރިކާގެ ސަބަބުން ދިމާވާ ކަމެއް ކމަށް ބުނެފައެވެ. މި ދެގައުމުން ވަނީ އިރާގާއި ސީރިޔާއަށް އެމެރިކާއިން ދެމުންދާ ހަމަލާތައް ކުށްވެރިކޮށްފައެވެ. މިގޮތުން އެމެރިކާއިން މިފެންނަ އަމަލުތަކަކީ ކުރިއަށް އޮތް އެމެރިކާގެ ރިޔާސީ އިންތިހާބާވެސް ކޮންމެސް ވަރަކަށް ގުޅުން ހުރިކަމެއް ކަމަށް މޮސްކޯއިން ވަނީ ބުނެފައެވެ.

މޮސްކޯއިން ބުނާގޮތުގައި އެމެރިކާއިން އެކއެކި ގައުމުތަކަށް މިފަދަ ހަމަލާތަކެއް ދެމުންދަނީ ދުނިޔެއަށް އެގައުމުގެ ބާރުގަދަކަން ދައްކުވައިދިނުމަށެވެ. އަދި ކުރިއަށް އޮތް އެމެރިކާގެ އިންތިހާބުގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން އަކީ ނުފޫޒުގަދަ ބޭފުޅެއްގެ ގޮތުގައި ދައްކުވައިދިނުމަށެވެ.