ލިވަޕޫލުގެ ކޯޗު ޔާގަން ކްލޮޕު ގެނައުމަށް މަސައްކަތް ކުރަމުން ނުދާ ކަމަށް ބާސެލޯނާގެ ސްޕޯޓިން ޑިރެކްޓާ އެންޑާސެން ލުއިސް ޑިސައުޒާ ހާމަކޮށްފިއެވެ.

އެންޑާސަން މިހެން ބުނެފައި މިވަނީ ސްޕެއިންގެ ބައިވަރު މީޑިއާތަކުން, މިސީޒަން ނިމުމުން ލިވަޕޫލު ދޫކޮށްލާނެ ކަމަށް ބުނި ކްލޮޕު, ބާސާއަށް އަންނާނެ ކަމަށް ބުނަމުން އައި ދަނޑިވަޅެއްގައެވެ.

"ކްލޮޕަކީ ވަރަށް ހުނަރުވެރި ކޯޗެއް. ނަމަވެސް މިވަގުތު ކްލޮޕު ބާސާއަށް ގެނައުމާ މެދު އެއްވެސް އެއްޗެއް ބުނުމަކީ އެހާ އެދެވޭ ކަމެއް ގޮތުގައި ނުދެކެން" ސްޕެއިންގެ މީޑިއާއެއް ކަމަށްވާ ލެވެންގާޑިއާއާ ވާހަކަދައްކަމުން އެންޑާސަން ބުންޏެވެ.

ބާސާގެ ކޯޗު ޒަވީ ހާނަންޑޭޒް މިސީޒަން ނިމުމުން ކްލަބު ދޫކޮށްލަން ނިންމާފައިވަނީ އޭނާއަށް އަމާޒުކޮށް ކިޔާ ފާޑުކިޔުންތަކުގެ ނޭދެވޭ އަސަރުކުރާތީ ކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ. ސީޒަން ނިމުމުން ބާސާގެ ކޯޗުގެ މަގާމަށް އައްޔަނު ކުރާނީ ކާކުކަމެއް ބާސާއިން އަދި ހާމަކޮށްފައެއް ނުވެއެވެ.