ދިވެހިރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ނުތިބޭނެކަން ޔަގީން ކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު މަސްއޫލިއްޔަތުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ އާންމުންނަށް ރައީސާ ސުވާލުކުރެވޭ ގޮތަށް ކުރިއަށް ގެންދާ ''ރައީސްގެ ޖަވާބު''ގައި އާންމުންގެ ފަރާތަކުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ރައީސް އޮފީހުން ކުރިޔަށް ގެންދާ "ރައީސްގެ ޖަވާބު" ސެގްމަންޓުގަައި، އަހުމަދު ޝަރީފް މިއަދު ކުރި ސުވާލުގައި އޭނާ ބުނެފައިވަނީ އިންޑިއާ ސިފައިން އަސްކަރީ ޔުނީފޯމް ބޭލުމަށްފަހު ކުލަ ހެދުމުގައި އަލުން އަންނަން ބޭނުންވާކަމަށް އަޑު އިވޭ ކަމަށާއި، އެކަމުގެ ހަގީގަތް އޮޅުން ފިލުވަން ބޭނުންވާ ކަމުގައެވެ.

އެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ އެންމެ އިސް ޒިންމާއެއްގެ ގޮތުގައި ދެކެނީ ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ނުތިބޭނެކަން ކަށަވަރު ކުރުން ކަމަށެވެ.

''އެހެންވީމަ މިހާރު ރާއްޖޭގައި ތިބި އިންޑިއާގެ މިލިޓްރީ ސިފައިން ރާއްޖެއިން ގެންދިއުމަށްޓަކައި އަޅުގަނޑުމެން ހުރިހާ މަސައްކަތްތަކެއް މި ދަނީ ކުރަމުން''
ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ވެރިކަމާ ހަވާލުވި ފުރަތަމަ ދުވަހުން ފެށިގެން ވެސް އެ މަސައްކަތް ފަށާފައިވާ ކަމަށާއި އެކަން ކުރަމުން ދަނީ ޑިޕްލޮމެޓިކްގެ ރިވެތި އުސޫލުގެ ތެރެއިން ކަަމަށެވެ.

އަދި މި ފެށޭ މާޗު މަހު އެއް ޕްލެޓްފޯމްގެ ސިފައިން ރާއްޖެ ދޫކޮށް ދާނެކަމަށާއި ޖެހިގެން އަންނަ މެއި މަހުގެ 10 ވަނަ ދުވަހު ބާކީތިބި ސިފައިން ދާނެކަމުގެ ޔަގީންކަން ދޭކަމަށް ރައީސް ވިދާޅުވެފައިވެއެވެ.