ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި ޔުނައިޓެޑް ސްޓޭޓްސް އޮފީސް އޮފް ޑިފެންސް ކޯޕަރޭޝަން (އޯޑީސީ) ގުޅިގެން ހިންގި ސީވިޝަން އެޕްލިކޭޝަންގެ އެގްޒެކެޓިވް ޓްރެއިނިންގ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ޓްރެއިނިންގ ނިންމުމުގެ ގޮތުން ބަންޑާރަކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ތަމްރީނު ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ކޮމަޑާންޓް، ކާނަލް މުޙައްމަދު ސަލީމްއެވެ.

މި ރަސްމިއްޔާތުގައި، ސީވިޝަން އެގެޒެކެޓިވް ޓްރެއިނިންގ ފުރިހަމަކުރެއްވި ފަރާތްތަކާ މުހާތަބު ކުރައްވައި ޝަރަފުވެރި މެހެމާނު ދެއްކެވި ވާހަކަފުޅުގައި، މި ތަމްރީނުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައި ވާހަކަފުޅު ދެއްކެވިއެވެ. އަދި މި ޓްރެއިނިންގ ހިންގުމުގައި ހަރަކާތްތެރިވި ސީވިޝަންގެ އިންސްޓްރަކްޓަރުންނަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ތަމްރީނުގެ މަގްސަދަކީ ސީވިޝަން އެޕްލިކޭޝަން ފައިދާހުރި ގޮތެއްގައި ބޭނުންކުރުމަށް، ކޮންމެހެން ބޭނުންވާ ހުނަރުތައް އޮޕަރޭޝަނަލް ކޮމާންޑަރުންނާއި އެގްޒެކެޓިވް ލެވެލްގައި މަސައްކަތްކުރާ އޮފިސަރުންނަށް ފޯރުކޮށްދިން ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެގޮތުން މިތަމްރީނުގެ އެހީގައި މި އެޕްލިކޭޝަން ބޭނުންކޮށްގެން މެރިޓައިމް ޑޮމެއިންގައި ހިނގާ އިންސިޑެންޓްތަކާއި، ލިބޭ މަޢުލޫމާތުގެ އެހީގައި އަޅަންވީ ފިޔަވަޅުތައް ދެނެގަތުމަށާއި ނިންމުންތައް ނިންމުމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމެރިކާއާއި ދިވެހިރާއްޖެއާއި ދެމެދު އޮންނަ ޑިފެންސް ކޯޕަރޭޝަންގެ ތެރެއިން ސީވިޝަންގެ ތަޖުރިބާކާރު އިންސްޓްރަކްޓަރުން ކިޔަވައިދެއްވި މި ތަމްރީނުގެ ސަބަބުން އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ރިކުއަރމަންޓަށް ބޭނުންވާ ގިނަ ކަންކަމަށް ފަސޭހަވެގެންދާނެއެވެ. މި ކޯހަށްފަހު ސީވިޝަން ފޮލޯއަޕް ޓްރޭނިންގއެއްގެ އިތުރުން ސީވިޝަން އެނަލިސްޓް ޓްރޭނިންގއެއް ހިންގުމަށް ވެސް ވަނީ ހަމަޖެހިފައިވެއެވެ.

ސީވިޝަން ޓްރޭނިންގ ނިންމުމުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފް ޑައިރެކްޓަރޭޓް އޮފް ސީ4 ސިސްޓަމްސް ގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް އިބްރާހީމް ޝާން ޝާކިރުގެ އިތުރުން ޔޫއެސް އޯޑީސީގެ ފަރާތުން ސީވިޝަން އެގްޒެކެޓިވް ޓްރެއިނިންގ ކުރިއަށްގެންދެވި މުދައްރިބުންނާއި ކޯހުގެ ދަރިވަރުން ބައިވެރިވިއެވެ