ގެދޮރުވެރިޔާ ސްކީމުން ފްލެޓް ދޭން ނިންމި ލިސްޓު ތަހުގީގު ކުރުމަށްފަހު ޝަރުތު ފުރިހަމަވާކަމަށް ކަނޑައެޅި މީހުންނަށް ފްލެޓް ދިނުންއަވަސް ކުރުމަށް ގޮވާލައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުالله ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.

އެ ގަރާރުގައި އީވާ ވިދާޅުވެފައިވަނީ، ދަތި ހާލުގައި އާއިލާ ބިނާ ކުރަމުންދާ މީހުންގެ ތަކުލީފުތަކަށް ހައްލެއް ހޯދައި ދިނުމަށް ކުރަން އޮތް އެންމެ މުހިންމު އެއް މަސައްކަތަކީ ޝަރުތު ހަމަވާ މީހުންނަށް ވީ އެންމެ އަވަހަކަށް ފްލެޓުތައް ދިނުމަށް ކަމުގައެވެ.

އަދި އެކި ސަބަބުތަކަށްޓަކައި ފްލެޓުތައް ދޫކުރުން މަސައްކަތް ލަސްވުމުގެ ސަބަބުން ފްލެޓުގެ ހައްގުވެރިންނަށް ނުހަނު ގެއްލުން ލިބޭކަމަށްވެސް އިވާ ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ފްލެޓުތަކުގައި ދިރިއުޅެވެން ދެން ކުލީގެ ގޮތުގައި އާމްދަނީއަށް ލިބޭ ބޮޑު އެއްޗެއް ހޭދަ ކުރަން ޖެހޭ ކަމަށާއި އާއިލާގެ ހުރިހާ މެމްބަރުންނާއެކު ކުދި ކުދި ތަންކޮޅުގައި އުޅެންޖެހިފައިވާ އެތައް އާއިލާއެއް އެބަ ތިބި ކަމަށް އީވާ ވިދާޅުވެފައިވެއެވެ.

ކުރީގެސަރުކާރުން ފްލެޓު ލިބޭނެ ކަމަށް ކަނޑައެޅި މީހުންގެ ތެރެއިން 60 ޕަސެންޓު މީހުންގެ ޝަރުތުހަމަނުވާ ކަމަށް އޭސީސީގެ ތަހުގީގުން ވަނީ ނިންމާފައެވެ. އަދި ޝަރުތު ހަމަވާކަމަށް ނިންމި މީހުންގެ ތެރެއިންވެސް، 19.7 ޕަސެންޓު މީހުންގެ ފޯމުގައި މައްސަލަ ހުރި ކަމަށާއި އެއްވެސް މައްސަަލައެއް ނެތީ 20 ޕަސެންޓު ފޯމުގައި ކަމަށް އެ ކޮމިޝަނުން ބުނެފައި ވެއެވެ.