ކޮޅުމަޑުލު ބުރުނީގެ ރައްޔިތުންނަށް ދަތިވެފައިވާ ކަންކަން ޙައްލުކުރުމުގައި ވަރަށްބޮޑު ސަމާލުކަމެއް ދެއްވައިގެން ސަރުކާރުން އެކަންކަން ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބުރުނީގެ ރައްޔިތުންނަށް އެ ޔަގީންކަން ރައީސް ދެއްވީ، އެމަނިކުފާނު ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު އެ ރަށުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވާހަކަފުޅުގައި، އެރަށަށް އެންމެ ބޮޑުވެފައިވާ މައްސަލައަކީ ރަށްގިރުމުގެ މައްސަލަކަން ފާހަގަކުރައްވައި، އެކަމުގެ ސަބަބުން އާންމު ދިރިއުޅުމަށާއި ލޯކަލް ޓުއަރިޒަމް ކުރިއަށް ގެންދިއުމަށް ހުރަސްތަކެއް އެޅިފައިވާކަމުގައި ވިދާޅުވިއެވެ.އަދި މިހާރު ހުއްޓިފައި އޮތް މަޝްރޫޢު އަވަހަށް ފަށައި އަވަހަށް ނިންމުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރައްވައި، ރައްޔިތުން އެދޭގޮތަށް އެމަސައްކަތް ނިންމަވައިދެއްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެހެންމެ ދެން އެރަށުގެ ރައްޔިތުންނަށް އެންމެ ދަތިވެފައިވާ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއަކީވެސް ނިމިދިޔަ ސަރުކާރުގައި ސޮއިކުރެވި އެއްވެސް ޢަމަލީ މަސައްކަތެއް ނުފަށައި އޮތް މަޝްރޫއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ މަޝްރޫއުވެސް ރައްޔިތުން އެދިލައްވާގޮތަށް، ރައްޔިތުންނަށް އެންމެ މުހިންމު މިފަދަ މަޝްރޫޢުތަކަށް ސަމާލުކަންދީގެން ކުރިއަށް ގެންގޮސްދެއްވާނެ ކަމުގައެވެ.

މީގެއިތުރުންވެސް ކައުންސިލްތަކަށް ކަނޑައަޅާފައިވާ އިހްސާސްގެ ދަށުން ރަށްރަށް ހޯދައި، މާލީ ބާރުވެރިކަން ހޯދުމަށް ސަރުކާރުން ހުޅުވާލާފައިވާ ފުރުސަތުގެ ދަށުން ބުރުންޏަށްވެސް ވަރަށް ބޮޑު އިގްތިސާދީ ފުރުސަތުތައް ހޯދުމުގެ މަގުފަހިވެފައިވާ ކަމަށާއި، އެކަންކަމުގައި ސަރުކާރުގެ އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އަދި ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާރު އޮތްގޮތުން ރަށުގެ ތަރައްގީއަށް ބޭނުންވާ މަޝްރޫއުތައް އެންމެ އިސްކަންދޭ ތަރުތީބުން އަލުން ތަރުތީބުކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު ކުޑަކުދިންގެ ޕާކްތަކާއި ކަސްރަތުކުރާ ތަންތަން ހެދުމަށް ސަރުކާރުން އިއުލާންކޮށްފައިވާ ސިޔާސަތުގެ ދަށުން ބުރުނީގައިވެސް އެމަޝްރޫއުތައް ކުރިއަށް ގެންގޮސްދެއްވާނެކަމުގައި ރައީސްވިދާޅުވިއެވެ