ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކޮޅުމަޑުލު ބުރުނި ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހެނދުނު ކޮޅުމަޑުލު ބުރުނީ ސްކޫލްގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލްގެ ފަރާތުން ވަނީ ރަށަށް ބޭނުންވެފައިވާ ކަންކަމާއި، ރަށުގެ ރައްޔިތުންނަށް ކުރިމަތިލާންޖެހިފައިވާ ބައެއް ގޮންޖެހުންތަކާއި، ބުރުނީގެ ތަރައްގީއަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

އެގޮތުން ބަނދަރުގެ އަޕްގްރޭޑިންގ މަސައްކަތް ހުއްޓިފައި ހުރުމުން ކުރިމަތިވާ ގޮންޖެހުންތަކާއި، ފެނުގެ ނިޒާމުގެ މަސައްކަތްވެސް ހުއްޓިފައި ހުރުމުން ދިމާވާ ގޮންޖެހުންތައް ހިއްސާކުރެއްވިއެވެ. އަދި ސްކޫލަށް ބޭނުންވާ ބައެއްކަންކަމާއި، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

އަދި ކުރިއަށްއޮތްތާނގައި ބުރުނީގެ ތަރައްގީއަށް ބޭނުންވާ ކަންކަން ފާހަގަކުރައްވަމުން ކައުންސިލުންވަނީ ހައުސިންގ ޔުނިޓް ގާއިމުކުރުމަށާއި، ކުޑަކުދިންގެ ޕާކެއް ހެދުމަށް ބޭނުންވާކަމަށާއި، އޭ.ޓީ.އެމް ހިދުމަތާއި، މަސްވެރިކަން ކުރުމަށް ސްޕޯޓް ފިޝިން ބޮޔެއް އަޅައިދިނުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ބުރުނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން ފާހަގަކުރި ކަންކަމުގެ ތެރޭގައި، އަންހެނުންގެ ކޮމިޓީއަށްވެސް ރޯދަމަހުގެ އިނާޔަތާއި، މެޓަރނިޓީ ލީވް ހަމަޖައްސައިދިނުމަށް އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހުއްޓިފައިހުރި މަޝްރޫއުތައް ކުރިއަށްގެންދިއުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށާއި ސަރުކާރުގެ ކުންފުނިތަކަށް އާމްދަނީ ލިބޭނެ މަގުފަހިކޮށްދިނުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ.

މީގެ އިތުރުންވެސް ރައީސް ވަނީ ފަޅު ރަށްތައް އިހުސާސްތަކަށް ގެނައުމަށް މި ސަރުކާރުން ބާރުއަޅާނެކަމަށާއި، އަދި މިފަދަ ރަށްރަށުގައި ކުދި އަދި މެދު ފަންތީގެ މަޝްރޫއުތައް ކައުންސިލްގެ ފަރާތުން ހިންގުމަށް ސަރުކާރުން އެއްބާރުލުން ދެއްވާނެކަމުގައި ވިދާޅުވެފައެވެ. އަދި ރައްޔިތުންނަށް ހައުސިންގ ލޯނު ދިނުމުގައި މި ސަރުކާރުން ގެންގުޅުއްވާ ޕްލޭން ރައީސުލްޖުމްހޫރިއްޔާ ކައުންސިލާ ހިއްސާކުރެއްވިއެވެ.