މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ތިންރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ހަތަރުމީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ ހަތަރު މީހުންގެ ތެރެއިން އެކަކު ހައްޔަރު ކޮށްފައިވަނީ ށ. ކޮމަންޑޫން ކަމަށެވެ.

އަދި މާލެއިން ކޮމާންޑޫއަށް މަސްތުވާތަކެތި އެތެރެ ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 45 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ހިނގާ ފެބުރުވަރީ މަހުގެ 6 ވަނަ ދުވަހު ކޮމަންޑޫޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި، އެރަށު މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މީގެއިތުރުން ކ. ކާށިދޫގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ހައްޔަރުކޮށްފައިވަނީ ފެބުރުވަރީ 6 ވަނަ ދުވަހު ކާށިދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ރަށުތެރެ ޕެޓްރޯލު ކުރަމުންދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 35 ރަބަރު ޕެކެޓު ފެނުމާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.

އަދި ފުލުުހުން ބުނީ ފ. ބިލެތްދޫގައި ފެބުރުވަރީ 5 ވަނަ ދުވަހު ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި ދެމީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 37 އަހަރުގެ ދިވެހި ފިރިހެނަކާއި، 36 އަހަރުގެ ބަނގުލަދޭޝް ފިރިހެނެކެވެ.

ބިލެތްދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބިލެތްދޫ ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި ފ. އަތޮޅު ފެރީ އެމީހުން ހުއްޓުވައި ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިންކަރުދާސްކޮޅު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ބިލެތްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ދިވެހި ފިރިހެން މީހާ 10 ދުވަހަށް އަދި ބިދޭސީ މީހާފަސްދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި ތިން މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.