އޭޝިއަން ކަޕުގެ ސެމީ ފައިނަލުގައި ޖޯޑަން އަދި ސައުތު ކޮރެއާ ބައްދަލު ކުރި މެޗު 2-0 އަކުން ކާމިޔާބުކޮށް, ފައިނަލުގެ ޖާގަ ޖޯޑަންއިން ކަށަވަރުކޮށްފިއެވެ.

އަހްމަދު ބިން އަލީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ބޯޅަ ރަނގަޅަށް ގެންގުޅެގެން ކުޅެފައިވަނީ ސައުތު ކޮރެއާއެވެ. ނަމަވެސް ޖޯޑަންގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލައި އެންމެ ބޯޅައެއް ވެސް ޖޯޑަންގެ ގޯލާ އަމާޒުކޮށް އެޓީމަށް ފޮނުވާލެވިފައެއް ނުވެއެވެ.

މެޗުގައި ޖޯޑަންއިން ލީޑު ނަގާފައިވަނީ ދެވަނަ ހާފުގެ 53 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޔަޒާން އަލްނައިމަތުއެވެ. 67 ވަނަ މިނެޓުގައި ޖޯޑަންގެ މޫސާ އަލްޓާމަރީ ކާމިޔާބުކޮށްދިން ލަނޑާއެކު އެޓީމުން ވަނީ ލީޑު އިތުރަށް ފުޅާކޮށްފައެވެ. މެޗު ނިމިގެންދިޔައިރު ވެސް ސައުތު ކޮރެއާއަށް ލަނޑެއް ޖެހޭގޮތް ނުވުމާއެކު, ޖޯޑަންއަށް ވަނީ އެޓީމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް އޭޝިއަން ކަޕުގެ ފައިނަލުން ޖާގަ ކަށަވަރުކުރެވިފައެވެ.

ތަށި ކާމިޔާބުކޮށް ތާރީހު ހެދުމުގެ އުއްމީދުގައި ޖޯޑަންއިން ފައިނަލުގައި ނިކުންނާނީ ގަތަރު ނުވަތަ އީރާނާ ދެކޮޅަށެވެ.