ކަނޑޫދޫ ކައުންސިލުން ހުށަހަޅާ ޕްރޮޕޯސަލްއަށް ބަލާ ދަނޑުވެރިކަމަށް ވަރަށް އަވަހަށް ރަށެއް ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުއިއްޒު މިފަދައިން ވިދާޅުވީ މިހާރު ތ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކަނޑޫދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
މިއަދު އެ ރަށުގައި ބޭއްވި ޖަލްސާގައި އެ ރަށުގެ ކައުންސިލްގެ ރައީސް ވަނީ އެ ރަށަކީ ދަނޑުވެރި ރަށެއް ކަމަށާއި ދަނޑު ބިންތައް ފުރި އެ ރަށުގެ ކުރިމަތީގައި އޮތް ކަކޮޅަސް އެ ރަށުގެ ރައްޔިތުންނާ ހަވާލުކުރުމަށް ތަކުރާރުކޮށް އެދެވުނު ކަމަށް ވިދާޅުވެފައެވެ.
ކަނޑޫދޫގެ ދަނޑުވެރިކަމުން މުޅި ރާއްޖެއަށް ފައިދާކުރަމުންދާކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ދަނޑުވެރިކަންކުރަން އިތުރު ބިމެއް ހަމަޖައްސައިދިނުމަށްވެސް އެދެމުންދާ ކަމަށާއި އެ ފުރުސަތު އެގޮތަށް ލިބޭނެ ގޮތް ކެބިނެޓުން ނިންމާ ގެޒެޓުކޮށްފައިވާނެ ކަަމަށެވެ. އަދި މި މަހުގެ ތެރޭގައި ރަސްމީކޮށް ކައުންސިލްތަކަށް އެ ފުރުސަތު ލިބޭނެ ކަމަށާއި އެ ގަވާއިދުގެ ތެރެއިން އެ ރަށެއްގެ ކައިރިން ނުވަތަ ދުރުން ވިޔަސް އިގްތިސޯދީ މަސައްކަތަށް ރަށް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ރަށުގައި ދަނޑުވެރިކަން ކުރާ މީހުންނާ ވާހަކަދައްކައިގެން އިތުރު ރަށެއް ހޯދުމުގެ އިހުތިޔާރާއި ބާރު ކައުންސިލްތަކަށް ލިބިފައިވާނެ ކަމަށާއި އެކަމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި ކައުންސިލުން ހުށަހަޅާ ޕްރޮޕޯސަލްއެއްގެ ދަށުން އެންމެ އަވަހަކަށް ހަވާލުކުރެވެން އޮތް ރަށެއް ވީ އެންމެ އަވަހަކަށް ހަވާލުކުރައްވާނެ ކަަމށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އާމްދަނީ ހޯދުމަށް ވަރަށް ބޮޑު ދޮރެއް ހުޅުވައިދޭ ކަމަށާއި އެ ދޮރުން ވަދެ ފުރިހަމަ ނަފާ ހޯދުމަކީ ރައްޔިތުންނާއި ކައުންސިލްގެ އަތްމަތީގައި އޮތް ކަމެއް ކަމަށެވެ. އަދި ސަރުކާރުން އެކަމަށް ހާއްސަ މިނިސްޓްރީއެއް ގާއިމުކޮށްފައިވާ ކަމަށާއި އެއީ ރައްޔިތުންނަށް ކައުންސިލްތަކަށް ދޭން ޖެހޭ އެހީތެރިކަން ދިނުމަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.