2026 ވަނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ފީފާ ވޯލަޑް ކަޕުގެ މެޗުތަކުގެ ޝެޑިއުލް އާއްމުކޮށްފިއެވެ.

ކޮންމެ 4 އަހަރަކުން އެއް އަހަރު ބާއްވާ, ދުނިޔޭގެ އެންމެ ބޮޑު މުބާރާތް ކަމުގައިވާ ވޯލްޑް ކަޕު މި ފަހަރު ކުރިޔަށް ދާނީ ވަރަށް ބޮޑެތި ބަދަލުތަކަކާ އެކީގައެވެ. ކުރީގެ އަހަރުތަކާ ހިލާފަށް މިއަހަރުގެ ވޯލްޑް ކަޕުން 48 ޓީމަކަށް ޖާގަ ލިބޭނެއެވެ. މި ބަދަލާއެކު އިތުރު 16 ޓީމަކަށް ދުނިޔޭގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތުގައި ވާދަ ކުރުމުގެ ފުރުސަތު ފަހިވެގެންދެއެވެ.

2026 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ މެޗުތައް ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ 3 ގައުމަކަށް ބަހާލައިގެންނެވެ. އެގައުމުތަކަކީ ހުޅަނގުގެ ތިން ގައުމުކަމަށްވާ އެމެރިކާ, ކެނެޑާ އަދި މެކްސިކޯއެވެ. މި 3 ގައުމުގެ 16 ސިޓީއެެއްގައި މެޗުތައް ކުޅުމަށް ވަނީ ހަމަޖައްސާފައެވެ.

ޓީމުތަކުގެ އަދަދު ގިނަވެފައި ވުމާއެކު, މުބާރާތުގައި 104 މެޗެއް ކުޅެވިގެންދާނެއެވެ. މުބާރާތުގެ ފުރަތަމަ މެޗު ކުޅޭނީ 11 ޖޫން 2026 އަށްވާ ބުރާސްފަތި ދުވަހު, މެކްސިކޯގެ އެސްޓާޑިއާ އެޒްޓެކާ މެކްސިކޯ ސިޓީ ސްޓޭޑިއަމްގައެވެ. މުބާރާތުގެ ފަހު މެޗު ކަމަށްވާ ފައިނަލު ކުރިއަށްދާނީ 19 ޖުލައި 2026 ވާ އާދީއްތަ ދުވަހު, އެމެރިކާގެ ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައެވެ.