ކޮޅުމަޑުލު ވޭތުވެދިޔަ ދިގު މާޒީގައި ރާޑަރުން ކައްސާލައި ފަހަތަށް ގޮސްފައި އޮތް އޮތުން ނިމުމަކަށް ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސް މިހެން ދެއްވީ ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު ކަނޑޫދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޑރ މުއިއްޒުގެ ވާހަކަފުޅުގައި ކޮޅުމަޑުލަކީ ތަރައްޤީގައި އެންމެ ކުރީ ސަފުގައި ފުރުޞަތުތައް ލިބޭ އަދި ތަރައްޤީވެފައިހުރި ރަށްތަކެއް ހިމެނޭ އަތޮޅަކަށް ބަދަލުކޮށްދެއްވާނެކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.

ރައީސް ޑރ މުއިއްޒު ވާހަކަފުޅުގައި އެމަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު ދިވެހިރާއްޖޭގެ އިޤުތިޞާދީ ކަންކަން އޮތީ މުޅިން ހަލާކު ކޮށްލާފައިކަމުގައި ވިދާޅުވެ، އެކަންކަން ރަނގަޅުކުރުމަށް މިސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ފަށާފައިވާކަމުގައި ވިދާޅުވިއެވެ. އެގޮތުން ސަރުކާރުން އަޅަން ފަށާފައިވާ ފިޔަވަޅުތަކަކީ ރަނގަޅު ހަރުދަނާ ފިޔަވަޅުތަކެއްކަން އައި.އެމް.އެފް. އިން ރާއްޖޭގައި އަމިއްލައަށް ކުރި ދިރާސާއިން ފާހަގަވާކަމުގައިވެސް ރައީސުް ވިދާޅުވިއެވެ.

ކަނޑޫދޫގެ ޞިއްޙީ ނިޒާމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ޚާއްސަކޮށް ތެލެސީމިއާއަށް ފަރުވާ ހޯދަންޖެހޭ ކުދިންނާއި ޢާއިލާތަކަށް ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވާ ކަމުގައެވެ.

ތެލެސީމިއާއަށް ބޭނުންވާ ފަރުވާދިނުމުގެ ކަންކަން ފަހިކުރުމަށާއި އަދި ޖުމްލަކޮށް ކަނޑޫދޫގެ ހެލްތު ސެންޓަރުގެ މަޝްރޫޢަށް ޚާއްސަ އިސްކަމެއްދެއްވާނެކަމުގައި ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރަށުގެ ރައްޔިތުން އެދޭގޮތަށް ރަށުގެ ބަނދަރުގެ މަޝްރޫޢު ކުރިއަށް ގެންގޮސްދެއްވުމަށް ވަރަށްބޮޑު ސަމާލުކަމެއް ދެއްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.