ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ދިރިއުޅުއްވުން، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅުކަމަށްވާ މުލިއާގެއަށް ބަދަލުކުރައްވައިފިއެވެ.

މުލިއާގޭގައި ކުރަންޖެހިފައި ހުރި ގިނަ މަރާމާތުތަކެއް ހުރުމުން، އެ ދެމަފިރިކަނބަލުން މިހާތަނަށް ދިރިއުޅުއްވީ ރައީސްގެ އަމިއްލަފުޅު ގެކޮޅުކަމަށްވާ މ. ދިމްޔާތުގައެވެ.

ސަރުކާރުން މީގެ ކުރިން ބުނީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލިއާގެ މަރާމާތު ކުރުމުގެ މަސައްކަތް ކުރާނީ އެ އިމާރާތުގެ އަސްލަށް ގެއްލުން ނުވާނެހެންކަމަށެވެ. އަދި މުލިއާގެ މާރާމާތުކުރަންޖެހުނީ އެ ގެކޮޅަކީ ދުވަސްވީ ބިނާއަކަށްވާތީ އިމާރާތް ބާވުމުން ކުރަންޖެހިފައި ހުރި މަރާމާތުތަކެއް ހުރުމުންކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މުލިއާގެއަކީ މީގެ ގަރުނެއްހައި ދުވަސްކުރިން އައްސުލްތާން މުހައްމަދު ޝަމްސުއްދީން ރަދުންގެ ވެރިކަމުގައި ބިނާކުރި ގެކޮޅެކެވެ. ރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މުލިއާގޭގައި ދިރިއުޅުއްވިއެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވެރިކަމުގެ ފަހު ދުވަސްކޮޅު، އެމަނިކުފާނުވެސް ވަނީ މުލިއާގެއަށް ދިރިއުޅުން ބަދަލުކުރައްވާފައެވެ.