އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނައި ކެމްޕެއިންގައި ވައުދުވެވަޑައިގެންފައިވާ ގޮތަށް، ތ މަޑިފުށީ ރައްޔިތުންނަށް އިޤްތިޞާދީ ފުރުޞަތުތަކާއި ގެދޮރު ބިނާކުރުމުގެ ފުރުޞަތުތައް ލިބިގެންދާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ތ އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި އެއަތޮޅު މަޑިފުށްޓަށް ވަޑައިގެން ރައްޔިތުންނާ މުހާތަބްކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ މުއިއްޒު ވިދާޅުވީ ގެދޮރު ބިނާކުރުމާއި އަދި އަޅަން ފަށައި ނުނިމިހުރި ގެ ނިންމުމަށް ދޭ ލޯނާއި، ހަދާފައި ހުރި ގެއެއް މަރާމާތު ކުރަން ދޭ ލޯނާ، މި ތިން ވައްތަރުގެ ލޯނު ދޫކުރުމަކީ އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނައި، ކެމްޕެއިންގައި ވެވަޑައިގެންފައިވާ ވައުދެއްކަމަށެވެ. ހަމައެހެންމެ ދާދިފަހުން ޗައިނާއަށް ކުރި ދަތުރުފުޅުގައި ސޮއިކުރެވުނު އެއް އެމް.އޯ.ޔޫ.ގެ ތެރެއިން ހައުސިންގ ޔުނިޓުތައް ބިނާކޮށްދިނުމުގެ ޕްރޮޖެކްޓްތައް ހިންގުމަށް، މަގި ފަހިވެފައި އޮތްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ރާއްޖެއަށް އެފޯޑް ކުރެވޭކަހަލަ G2G ލުއި ކޮންސެޝަނަލް ލޯނުތައް ނަގައިގެން، މަޑިފުށި ފަދަ ރަށްރަށުގައި ހައުސިންގ ޔުނިޓުތައްވެސް އަޅައިދެއްވުމަށް އިސްކަންދެއްވާކަމަށެވެ.

"އެހެންވީމާ، އަޅުގަނޑު މި ދަންނަވާ ވާހަކައަކީ، ގެދޮރު ބިނާކުރުމަށްޓަކައި ތަފާތު ލޯނުތައް ދޫކުރުމާއި، ހައުސިންގ ޔުނިޓުތައް ޤާއިމުކުރުމުގެ މަސައްކަތުން އިރާދަކުރެއްވިއްޔާ މި ރަށުގެ ރައްޔިތުންނަށްވެސް އޭގެ އުފާވެރިކަމާއި ފޮނިމީރުކަން ހާސިލު ކޮށްދޭނަމޭ،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ އިޤްތިޞާދީ ފުރުޞަތުތައް ދިނުމާއި، ގެދޮރު ބިނާކުރުމުގެ ފުރުޞަތުތައް އެމަނިކުފާނު ވިދާޅުވި ގޮތަށް މަޑިފުށީ ރައްޔިތުންނަށް ފޯރުކޮށްދެއްވާނެކަމަށެވެ.

އަދި ހަމައެހެންމެ ނުފެށިފައި، ހުއްޓިފައި ނުފެށި ހުރި މަޝްރޫޢުތައް ފެށުމުގައިވެސް ބަޖެޓުގެ ތެރެއިން، އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތައް ކާމިޔާބު ކުރެވެމުންދާވަރަކުން މަސައްކަތްތައް ފަށަމުންދާނެކަމަށާއި މިހާރުވެސް އެތައް ކުންފުންޏެއްގެ އިޤްތިޞާދީ ޙާލަތު، މާލީ ޙާލަތު ރަނގަޅު ކުރުމުގެ މަސައްކަތްތައް ހިނގަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

" އާރު.ޑީ.ސީ. ވިޔަސް، އެމް.ޓީ.ސީ.ސީ. ވިޔަސް، ފެނަކަވިޔަސް، އެމް.ޑަބްލިޔޫ.އެސް.ސީ.، ދެން މިހެން ކިޔާނެ ކަމެއްނެތް. އެކިއެކި މަޝްރޫޢުތައް ހިންގާ ހުރިހާ ކުންފުންޏެއް. މި ކުންފުނިތަކުގައި ހުރި އެކި ކަހަލަ ދަރަނިތަކާއި، އެކި ކަހަލަ މައްސަލަތައް އެބަހުރި އަޅުގަނޑުމެންނާ ހަމައަށް އައިއިރު. އެކަންކަން ރަނގަޅު ކުރުމަށްޓަކައި ވަރަށް މަސައްކަތް މި ކުރަނީ. ކުރެވޭ މިންވަރަކުން އަޅުގަނޑުމެން މިގެންދަނީ، ހުއްޓިފައި ހުރި އެތައް މަސައްކަތެއް ފެށުމުގެ މަސައްކަތް. މިހާރުވެސް ގިނަ ރަށްތަކެއްގެ މަސައްކަތް ފެށިއްޖެ،" ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވަޢުދުވެފައި އޮތް އެއް ކަންތައް އެއީ، ޢުމްރާނީ ތަރައްޤީގެ ދާއިރާއިން މަގުހެދުން. އޭގައި ވަޢުދުވެފައި އޮންނާނީ، މިފަދަ ރަށްތަކުގައި ހުރި ހުރިހާ ބޮޑެތި މަގުތައް ހަދައިދޭނެ ކަމަށް. އަޅުގަނޑު އެކަމަށް ކެމްޕެއިންގައި ވަޢުދުވިން މި ރަށުގައިވެސް. އަޅުގަނޑަކީ އިރާދަކުރެއްވިއްޔާ ބަހާއި ޢަމަލާ ހަމަ އަބަދުވެސް ދިމާވާނެ މީހެއް. އަޅުގަނޑު ވަޢުދުވީ ގޮތަށް މި ރަށުގެ މަގުތައް ހަދައިދޭނަން. ހަމަ އެގޮތަށް، ރާއްޖޭގެ ހުރިހާ ދިމާއެއްގައިވެސް މަގުހެދުން ކުރިއަށްދާނެ. އެކަމަކު މި ދެންނެވި ފަދައިން ތަރުތީބު ކުރެވިގެން، ކަނޑައެޅޭ އުޞޫލެއްގެ މަތިން މި އަހަރުގެ ތެރޭގައި އެ މަސައްކަތްތައް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިރާދަކުރެއްވިއްޔާ ފެށިގެން ދާނީ،" ރައީސް ވިދާޅުވިއެވެ.

މިކަންތަކުގެ އިތުރުން ދެން ހުރި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައްވެސް ތަރުތީބުކޮށްގެން ބާރު ސްޕީޑްގައި ކުރިއަށް ގެންގޮސްދެއްވާނެކަމަށް މަޑިފުށީ ރައްޔިތުންނާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ވިދާޅުވެފަައެވެ.