ތ ކަނޑޫދޫގެ ލޮބުވެތި ރައްޔިތުންގެ މާޔޫސްކަން ނިމުމަކަށް ގެނެސް، ހިނިތުންވުން ގެނެސްދެއްވާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިޔަގީންކަން ދެއްވީ މިހާރު ތ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކަނޑޫދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ކުރަން ހުރި އެތައް ގިނަ މަސައްކަތްތައް އެއް ފަހަރާ ނުފެށޭނެތީ ކުރިޔަށް މި އޮތް ދެ ހަފްތާއެއްހާ ދުވަސް ކައުންސިލްތަކާއި، ކަމާގުޅޭ އިދާރާތަކާ ވާހަކަ ދައްކައިގެން ކައުންސިލްތަކުން އެކަންކަނ ތަރުތީބު ކޮށްލަދިނުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. މިއީ މުޅި ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށްވެސް އެމަނިކުފާނު ދަންނަވާ ވާހަކައެއްކަމަށާއި އެމަނިކުފާނު މަސައްކަތްކުރައްވާނީ މިއަހަރު ތެރޭގައި ތަރުތީބު ކޮށްގެން ރައްޔިތުން އެންމެ އިސްކަން ދޭން ބޭނުންވާ ކަންކަމަށް އެންމެ ފުރަތަމަ އިޖާބަދީގެން ކުރިޔަށްގެންދިއމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ބަހާލައިގެން ޕީ.އެސް.އައި.ޕީ. މަޝްރޫޢުތައް ގެންދަން މަސައްކަތް ކޮށްފިއްޔާ އޭރުން އިރާދަކުރެއްވިއްޔާ އާމްދަނީއާ ލިބޭ އެއްޗަކުން ކުރެވޭ ޚަރަދު ދެކޮޅު ޖައްސަމުން، އަޅުގަނޑުމެން މި ހުރިހާ މަސައްކަތެއްވެސް ކޮށްދޭނެ ވާހަކަ އަޅުގަނޑު ހަމަ ޔަޤީންކޮށް އަރުވަން،" ރައީސް ވިދާޅުވިއެވެ.

ކަނޑޫދޫ ރައްޔިތުންނަށް ހުރި ދަތިތަކުގެ ތެރެއިން ޞިއްޙީ ނިޒާމު އެއްގޮތަކަށްވެސް ނުވެއޮތްކަމާއި ތެލެސީމިއާއަށް ބޭސްފަރުވާ ކުރަންޖެހޭ ކުދިންނާއި، އެހެން އެންމެންނަށް ދިމާވާ އެތައް މައްސަލަތައް ވަނީ ފާހަގަކޮށް ރައީސަށް ދަންނަވާފައެވެ.

"އެއްކަމަކަށް ތެލެސީމިއާއަށް ފަރުވާދިނުން އެއީ، އަޅުގަނޑުމެންގެ ވަރަށް މުހިންމު ސިޔާސަތެއް. ކެމްޕެއިންގައި އަޅުގަނޑު އެ ވައުދުވެ، ކެބިނެޓުން ނިންމަންޖެހޭ މުހިންމު ނިންމުންތައް ނިންމާފައި އޮތް ކަމެއް އެއީ. އެހެންވީމާ، ސަރުކާރުން ވަރަށް އިސްކަން ދޭނަން، ތެލެސީމިއާއަށް ފަރުވާ ހޯދަންޖެހޭ ކުދިންނަށާއި ޢާއިލާތަކަށް. ރަށްރަށުގައިވެސް އެކަމަށް ބޭނުންވާ ފަރުވާ ހޯދޭނޭ ގޮތްތައް، އެ ރަށެއްގެ ނިސްބަތުން ދެވެންއޮތް އެންމެ މަތީ ދަރަޖައަކަށް ދިނުން، އަޅުގަނޑުމެންގެ ސިޔާސަތަކީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޞިއްޙީ ނިޒާމު ވަރުގަދަކުރުމަށް މިރަށުގައި ކުރިޔަށް ގެންދަންޖެހޭ ހެލްތު ސެންޓަރ މަޝްރޫޢަށް ޚާއްޞަ އިސްކަމެއް ދީގެން، ލެބޯރެޓަރީގެ ހިދުމަތާއެކު ފުރިހަމަކޮށްދެއްވާނެކަމަށެވެ. އަދި ހުއްޓިފައި އޮތް ނަރުދަމާގެ މަޝްރޫޢުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފަށްޓަވައިދެއްވާނެކަަމަށާއި ބަނދަރުގައި އެއްކަމަކަށް ކުދި އުޅަނދު ފަހަރަށް، ކުދި ބޯޓުތަކަށް، ދޯނި ފަހަރަށް ވަކި ޖެޓީ އެއް ހައްދަވައިދެއްވާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ..

މީގެ އިތުރުން ނެރުގެ މައްސަލައާއި ޒުވާނުންގެ މަރުކަޒުގެ އިތުރުން ސްކޫލަށް ދިމާވެފައި މިއޮތް އިންތިހާއަށް ބޮޑު ދަތި، އުނދަގޫ، ޖާގައިގެ މައްސަލަވެސް ހައްލުކޮށްދެއްވާނެކަމަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.

މިފަދަ ކިތަންމެކިތަންމެ ކަމެއް ފާހަގަކުރައްވައި ރައީސް ވިދާޅުވީ ތ ކަނޑޫދޫގެ ލޮބުވެތި ރައްޔިތުންގެ މާޔޫސްކަން ނިމުމަކަށް ގެނެސް، އިރާދަކުރެއްވިއްޔާ ހިނިތުންވުން ގެނެސްދެއްވާނެކަމަށެވެ.