ރާއްޖޭގެ ރަށްތަކަށް މިވަގުތު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު ތ. ވޭމަންޑޫގެ ކައުންސިލާއި، ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލު ކުރައްވައިފި އެވެ.

ވޭމަންޑޫގެ ކައުންސިލް އިދާރާގައި ކުރިޔަށް ގެންދިޔަ މި ބައްދަލުވުމުގައި، ކައުންސިލުން ރަށުގެ ތަރައްގީއާއި ގުޅުން ހުރި ބަދަލުތައް ގެނައުމުގައި ދިމާވާ ގޮންޖެހުންތައް ރައީސަށް ހުށަަޅުއްވާފަ އެވެ. އޭގެ ތެރޭގައި ވޭމަންޑޫގެ ރައްޔިތުންގެ ޝަކުވާތަކާއި، ރަށުގެ ކުރިއެރުމަށް ބޭނުންވާ ކަންކަން ހިމެނެ އެވެ. ކައުންސިލުން ޒުވާނުންނަށް ކުޅިވަރާއި ކަސްރަތަށް ބޭނުންވާ ބައެއް ކަންކަން ތަފުސީލީ ގޮތެއްގައި ފާހަގަކުރި އެވެ. އަދި ވޭމަންޑޫގެ ބަނދަރުގެ ޖާގައިގެ ދަތިކަން ހުރިކަމާއި، ޕޮލިސް ސްޓޭޝަން ހެދުމުގެ މަޝްރޫއު ކުރިއަށް ނުދިއުމާއި، ރަށުގެ ކުނީގެ މައްސަލަ ހައްލު ކުރުމަށް ބޭނުންވާކަމަށް ކައުންސިލުން ރައީސަށް ހުށަހެޅުއްވި އެވެ.

ކައުންސިލްގެ މެމްބަރުން ވިދާޅުވީ، ވޭމަންޑޫގައި މަސްވެރިކަން ރަނގަޅު ރަށަކަށްވުމާއި އެކު އައިސްޕްލާންޓެއްގެ ދަތިކަން ހުރުމުން އެ ނިޒާމު ގާއިމުކޮށްދޭން އެދޭކަމަށެވެ.

މި ބައްދަލުވުމުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ބުނީ ރަށުގައި ކުޑަކުދިންގެ ޕާކެއް ނެތުމާއި، އަންހެނުންނަށް ރަށުގައި ކުޅިވަރު ކުޅެ އެފަދަ ކަންކަމުގައި މަސްއޫލުވެ އުޅެވޭނެ ފުރުސަތު ހަނިވުމުގެ އިތުރުން ކައުންސިލް އިދާރާގައި ހުރި ޖާގައިގެ ދަތިކަން އެބަހުރި ކަމަށެވެ. އަދި ކޮމިޓީއަށް ލިބޭ ބަޖެޓު ކުޑަވުމުގެ ސަބަބުން، ދިމާވާ ގޮންޖެހުންތައް ފާހަގަކުރި އެވެ.

ކައުންސިލާއި އަދި ކޮމިޓީގެ ކަންބޮޑުވުންތަކަށް ރައީސް މުއިއްޒު ވިދާޅުވީ ރަށުގެ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ސަރުކާރުގެ ކަމާއި ގުޅުން ހުރި މުވައްސަސާތަކާއި އެކު ހައްލު ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.