ދިވެހިރާއްޖޭގެ ކަނޑާއި، ކަނޑުގެ އަޑިޔާއި، ވަޔާއި، އެއްގަމާ ހިމެނޭގޮތަށް ރާއްޖޭގެ ހުރިހާ ތަނެއް ހިމެނޭހެން ބަލަހައްޓާނީ ދިވެހިން އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލައަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ވޭމަންޑޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ބޮޑު ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުވެސް އަމިއްލަ ޤާބިލުކަމާއެކު ބެލެހެއްޓޭނެގޮތް ދާދި އަވަހަށް ހަމަޖެހިގެންދާނެ ކަމުގައެވެ. އެގޮތުން އެކަމަށްޓަކައި ކުރަންހުރި ހުރިހާ ކަމެއް ފަށައި ވާންޖެހޭ ހުރިހާ ތައްޔާރީތައް މިހާރު ވަމުން އަންނަކަމަށާއި، ލަސްތަކެއްނުވެ އެކަމުގެ ޢަމަލީ މަސައްކަތްތައް ކުރާތަން ފެންނަން ފަށާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެހެންމެ، ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތްވެސް އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތް ފުރަތަމަ ދުވަހުން ފެށިގެން، އެކަމުގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން ގެންދަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެކަންކުރުމުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި އަދި އިރާދަފުޅާއެކު އެކަން ހާސިލުކުރެވޭނެ ކަމުގައެވެ.

ހަމައެހެންމެ، ރާއްޖޭގެ ކަނޑުގެއަޑި ސަރވޭކުރުމުގެ މަސައްކަތްވެސް ކުރައްވާނީ ރާއްޖޭގައި އެކަމުގެ ޤާބިލުކަން އުފައްދަވައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ކަނޑުއަޑި ސްކޭންކޮށް މެޕްކޮށް އެހެންބަޔަކު ގެންދިއުމަކީ ދިވެހިން ބޭނުންވާ ގޮތް ނޫންކަމުގައެވެ. އޭގެ ބަދަލުގައި ދިވެހި އަސްކަރިއްޔާ އަމިއްލަ ފައިމައްޗަށް ތެދުވެ، އެފަދަ ސްކޭންކުރުމާއި މެޕްކުރުމުގެ ޤާބިލުކަން ދިވެހި އަސްކަރިއްޔާއަށް ހޯދައިދިނުމުގެ މަސައްކަތް ފަށައި، އެކަމަށް ބޭނުންވާ ކަންކަން ސަރުކާރުން ފަހިކޮށްދެއްވަމުން ގެންދަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.