ކުރިއަށް އޮތް މަޖިލިސް އިންތިހާބު ރޯދަ މަހާއި ދިމާވާތީ، އިދިކޮޅު އެމްޑީޕީން ރޯދަ މަހު އިންތިހާބު ނުބޭއްވުމަށް އެދި ހުށައެޅި އިސްލާހު ފާސްކުރުމަށް މަޖިލީހުގެ ވަގުތީ ކޮމިޓީން މިއަދު ނިންމައިފިއެވެ.

މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ އެމްޑީޕީން ހުށަހެޅި ގޮތަށް، ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބޭއްވުމަށް ފާސްކޮށްފައެވެ. މި ބިލު ފާސްކުރީ އެ ބިލު ދިރާސާކޮށް ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުން އެކުލަވާލި ފަސް މެންބަރުންގެ ހާއްސަ ކޮމެޓީގެ އިއްތިފާގުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަހާ ދިމާވާތީ އެކަމަށް ހައްލެއް ހޯދުމަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމަށް މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ.

މި ބިލުގެ ކޮމިޓީ މަރުހަލާގައި އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު ކޮމިޓީއަށް ހާޒިރުކުރުމުން އެބޭފުޅާ ވަނީ ރޯދައިގެ ފަހުން އިންތިހާބު ބާއްވައިފިނަމަ, ވޯޓު ގުނުމަށްފަހު ދާއިމީ ނަތީޖާ އިއުލާނުކޮށް, އިންތިހާބުގެ ހުރިހާ ކަމެއް ނިންމަން ލިބޭ މުއްދަތު ވަރަށް ކުރުވާނެ ކަމަށް ބުނެފައެވެ. މިގޮތުން ހަބީބު ވިދާޅުވީ އޭޕްރީލް 28 ވަނަ ދުވަހާ ހަމައަށް އިންތިހާބުގެ ހުރިހާ ކަމެއް ނިމި, އަންގަން ޖެހޭ މުއައްސަސާތަކަށް އަންގާފައި އޮންނަންޖެހޭ ކަމަށާއި އޭޕްރީލް 21 ގައި އިންތިހާބު ބާއްވައިފިނަމަ ވޯޓު ގުނުމަށް ލިބެނީ ހަ ދުވަހުގެ މުއްދަތު ކަމަށެވެ.

މަޖިލީހުން މި ބިލު ފާސްކުރި އިރު އިލެކްޝަން ކޮމިޝަނުން ވަނީ މިއަހަރުގެ މަޖިލިސް އިންތިހާބު މާޗު މަހުގެ 17 ވަނަ ދުވަހު ބާއްވާނެ ކަމަށް އިއުލާނު ކޮށްފައެވެ.