ސައޫދީގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުން، ޙައްޖު މޫސުމުގައި ހާޖީންނަށް އެހީތެރިވުމަށް ހައްޖުގައި ބައިވެރިވުމުގެ ފުރުޞަތު ދެއްވުމަށް އެދި ހުށަހެޅި ހުށެހެޅުން، ސައުދީ ހައްޖު ވުޒާރާއިން ގަބޫލުކޮށް، އެކަން ހަމަޖެހިފައިވާކަން ރަސްމީކޮށް މިނިސްޓްރީއަށް މިއަދު އަންގައިފިއެވެ.

މިކަން އިއުލާން ކުރައްވާފައިވަނީ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

މީގެ ކުރިން ސައުދީގައި ކިޔަވަމުންދާ ދަރިވަރުން ދިވެހި ހައްޖާޖީންނަށް އެހީވަމުން ދިޔައީ ރަސްމީ ހައިސިއްޔަތެއް ނެތިއެވެ. އެހެންކަމުން، ދިވެހި ހައްޖާޖީން ޒިޔާރަތްކުރާ ހުރިހާ ތަނަކަށް ގޮސް، ހައްޖުވުމުގެ ފުރުސަތު އެގޮތުގެ މަތިން އެ ދަރިވަރުންނަށް ނުލިބެ އެވެ.

އެހެން ނަމަވެސް މިއަދު މި ލިބުނު ހުއްދަ އާއިއެކު، ރަސްމީކޮށް ދިވެހިންނަށް އެހީވުމުގެ ފުރުސަތު އެ ދަރިވަރުންނަށް ލިބި، ހައްޖު ވުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް ވަޒީރު ޝަހީމް ވިދާޅުވިއެވެ.

އެކަމާއި ގުޅިގެން އިތުރަށް މަޢުލޫމާތު ދެއްވަމުން ޑރ. ޝަހީމް ވިދާޅުވީ، ދިވެހިރާއްޖެއިން ހައްޖަށް 1000 މީހުން ދާއިރު، ސައުދީގެ އެތެރޭގައި ދިވެހިން އުޅަނދުފަހަރުގައި އަރަބިބަސް ދަންނަ ދިވެހީން މަދުވުމުން ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހޭކަމަށެވެ. އެހެންކަމުން، އެ ދަރިވަރުންނަށް ރަސްމީ ހުއްދަ ލިބުމުން އެ މައްސަލަ އަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

ޝަހީމް ވިދާޅުވީ، މިފަދަ ރަސްމީ ހުއްދައެއް ދީފައިވަނީ ސައުދީގައި ކިޔަވަމުންދާ ވަރަށް މަދު ގައުމު ތަކަށް ކަމަށެވެ.

އަޅުގަނޑުމެން މިނިސްޓްރީގެ ފަރާތުން ސައުދީގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންގެ ދަފްތަރެއް އެކުލަވާލާނަން. ދެން ކޮންމެ އަހަރެއްގައި ވެސް އިރާދަކުރެއްވިޔާ ދިވެހި ދަރިވަރުންނަށް ބައިވެރި ވެވޭނެ. ކޮންމެ އަހަރެއްގައިވެސް އަޅުގަނޑުމެން ވަކި ވަރަކަށް ދަރިވަރުން އިޚްތިޔާރު ކުރާނީ.

ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު އެކަމަށްޓަކައި ޝަހީމް ވަނީ ސައޫދީ އަރަބިއްޔާގެ ހައްޖު މިނިސްޓަރ ޑރ ތައުފީޤަށާއި ޙައްޖާއި އުމްރާ އާ ގުޅޭ ސައޫދީގެ އިދާރާތަކާއި ރާއްޖޭގައި ހުންނަ ސަޢޫދީ އެމްބަސީއަށް ޝުކުރު ދަންނަވާފައެވެ.