ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް ފުރާވަޑައިގެންފިއެވެ.

އެމްއެންޑީއެފުން ބުނީ ސްރީލަންކާގެ ޑިފެންސް ސާރވިސަސް ކޮމާންޑް އެންޑް ސްޓާފް ކޮލެޖުގެ ޝަރަފުވެރި ގްރެޖުއޭޓެއް ކަމުގައިވާ ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް، ސްރީލަންކާއަށް އިއްޔެ ފުރާވަޑައިގެންފައިވަނީ، އެ ކޮލެޖުގެ ކޮމަޑާންޓް، މޭޖަރ ޖެނެރަލް ލަސަންތާ ރޮޑްރިގޯގެ ދައުވަތަކަށް ކަމަށެވެ

މި ދަތުރުފުޅުގައި، އެމަނިކުފާނުގެ ލީޑަރޝިޕާއި ދިފާއީ ދާއިރާއަށް ކޮށްދެއްވަމުންގެންދަވާ ނަމޫނާ ހިދުމަތްތަކުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން، އެމަނިކުފާނުގެ ޝަރަފުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހާއްސަ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މީގެއިތުރުން އެމަނިކުފާނުގެ މި ދަތުރުފުޅުގައި ސްރީލަންކާގެ އަސްކަރީ ލީޑަރޝިޕްގެ ބޭފުޅުންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި، ދިފާއީ ދާއިރާއާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ދެ ގައުމުގެ މަސްލަހަތު ހުރި އެކި ދާއިރާތަކާއި، އިސްތިރާޖީ ގުޅުން ވަރުގަދަކޮށް، ދެ ޤައުމުގެ ސިފައިންގެ މެދުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައިކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އަދި މި ދަތުރުފުޅުގެ ސަބަބުން ދިވެހިރާއްޖެއާއި ސްރީލަންކާގެ އަސްކަރިއްޔާއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމާއި، ދިފާއީ އަދި ސަލާމަތީ ކަންކަމުގައި އެއްބާރުލުމާއި ގުޅުން ބަދަހިވެގެންދާނެ ކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ.