އައްޑޫ ސިޓީން ދޫކުރާ ބަންޑާރަ ގޯތިތަކުގެ ގުރުއަތުލުން މިއަދު ފަށައިފިއެވެ.

މި ގުރުއަތުލުން މިއަދު ފަށާފައިވާއިރު އަންނަ ހޮނިހިރު ދުވަހުވެސް ކުރިއަށް ގެންދާނެ ކަމަށްވެއެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހުއައްޑޫ ސިޓީގެ އެކި ރަށްރަށުން ދޫކުރާ 1000 ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލުމާއެކުހެންމ ގޯއްޗަށް ކުރިމަތިލާން ހުޅުވާލި މުއްދަތު ހަމަވިއިރު 4،160 ފޯމު ހުށަހަޅާފައިވެއެވެ. އޭގެތެރެއިން 4052 މީހެއްގެ ޝަރުތު ހަމަވެއެވެ. އަދި ޝަރުތު ހަމަވާ އެންމެންނަށްވެސް ގޯތި ދިނުމަށް ނިންމާފައިވާ ކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ.

މިފަރާތްތަކަށް ގޯތި ކަނޑައެޅުމުގެ ކަންތައްތައް ކުރިއަށް ގެންދަނީ ގޯތި ލިބުނު މީހުންގެ ލިސްޓާ އެއްގޮތްވާގޮތަށް ތަރުތީބު އުސޫލަކުންނެވެ.

މިބުރުގައި ހިތަދޫން ދޫކުރާ 500 ގޯތީގެ ގުރުއަތުލުން ފަށާފައިވަނީ ބުދަދުވަހުއެެވެ. އެދުވަހު 150 ފަރާތުން ވަނީ ގުރުއަތުނަގާފައެވެ. މިއަދުވެސް އިތުރު 150 ގޯތީގެ ގުރުއަތު ނަގާނެކަމަށް ކައުންސިލުން ހާމަކުރެއެވެ.

އައްޑޫ ސިޓީ ހުޅުދޫން ދޫކުރާ ސަތޭކަ ގޯޗާއި މީދޫން ދޫކުރަން ނިންމާފައިވާ ސަތޭކަ ގޯތީގެ ގުރުއަތު ނެގުން މިހާރު ވަނީ ނިމިފައެވެ. އަދި ފޭދޫން ދޫކުރާ ގޯތިތަކުގެ ގުރުއަތު ނަގާނެ ތާރީޚެއް ހަމަޖައްސާފައެއް ނުވެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އެއް އަވަށަށް ވުރެ ގިނަ އަވަށުން ގޯތި ލިބުމަށް ޝަރުތުހަމަވި ފަރާތްތަކުގެ ތެރެއިން ގޯތި ބޭނުންވާ އަވަށް އިޚްތިޔާރު ކޮށްފައިވާ ނުވާ ފަރާތްތަކަށް ގޯތި ދޭން ހަމަޖެހިފައިވަނީ އެމީހަކު ރަށްވެހިވެފައިވާ އަވަށުން ކަމަށެވެ. އަދި އެފަރާތްތައް އެލިސްޓުގައި ހިމެނުމަށްފަހު އެހެން ލިސްޓުތަކުން އެނަންތައް އުނިކޮށްފައިވާކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ، ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ގޯތި ދޫކުރަން ނިންމާފައި ވަނީ ދެ މަރުހަލާއަކަށް ކަމަށެވެ.

ފުރަތަމަ މަރުޙަލާގައި ގޯތި ދޫކުރަން ނިންމާފައިވަނީ ގޯތި ދޫކުރުމަށް ފުރުސަތު ހުޅުވާލި ހަތަރު އަވަށުން ޖުމްލަ 100 ގޯއްޗެވެ.

އެއީ ހިތަދޫން 500 ގޯތި، ފޭދޫން 300 ގޯތި، ހުޅުދޫން 100 ގޯތި، އަދި މީދޫން 100 ގޯއްޗެވެ.