ކިނބިދޫއާއި ވޭމަންޑޫ ކޯޒްވޭއަކުން ގުޅާލުން ހަގީގަތަކަށް ހައްދަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

އެމަނިކުފާނު މި ޔަގީންކަން ދެއްވީ ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް އެމަނިކުފާނު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު ކިނބިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ކިނބިދޫގެ ރައްޔިތުން އެންމެ އިސްކަންދޭ ކަމަކީ ކިނބިދޫއާ ވޭމަންޑޫ ގުޅާލުންކަމުގައިވާތީ ސަރުކާރުން ވެސް އެންމެ އިސްކަންދޭނީ އެމަސައްކަތަށް ކަމުގައެވެ. މީގެ އިތުރުން ތ. އަތޮޅު މަޑިފުށްޓާ ދިޔަމިގިލިވެސް ކޯޒްވޭއަކުން ގުޅާލަން ނިންމާފައިވާތީ ކޮޅުމަޑުލުގައި ޖުމްލަ ދެ ކޯޒް އެޅިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން އެންމެ މުހިންމީ އިގްތިސާދީ ކުރިއެރުން ގެނެސްދިނުން ކަމުގައެވެ. އެގޮތުން އިގްތިސާދު ފުޅާކޮށް އާމްދަނީ އިތުރުކުރަމުން އަދި ތަރައްގީގެ މަޝްރޫއުތައް ތަރުބީކުރަމުން ހުރިހާ ރަށެއްގެ ރައްޔިތުންގެ އުންމީދުތައް އެބޭނުންވާގޮތަށް ހާސިލްކޮށްދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.

އަދި ރާއްޖޭގެ ތަރައްގީ މާނަހުރި ގޮތެއްގައި ގެނެވޭނީ މިހާރު ރާއްޖޭގެ އިގްތިސާދު ވެއްޓިފައި އޮތް އަނދަވަޅުން އަރައިގަނެވިގެންކަމުގައެވެ. އަދި އެކަމުން އަރައިގަތުމަށާ އިގްތިސާދު ފުޅާކުރުމަށް މި ސަރުކާރުން ގެންގުޅޭ އިގްތިސާދީ އެޖެންޑާ އައި.އެމް.އެފް އިން ބަލައިގަނެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ރަށްރަށުގެ ރައްޔިތުންނަށް ފުދުންތެރިކަން ލިބޭނެ މަގު ސަރުކާރުން ކޮށައިދޭނެކަމުގައި ވެސް ވިދާޅުވިއެވެ. ހަމައެހެންމެ އެމަނިކުފާނު މަސައްކަތް ކުރައްވަނީ ރައްޔިތުންނާ ގާތުން ރައްޔިތުން އެދޭގޮތަށްކަމުގައި ވިދާޅުވިއެވެ.

އެގޮތުން ކައުންސިލުތަކުން އެމަނިކުފާނާ ބައްދަލުކުރުމަށް އައުމުގެ ބަދަލުގައި އެމަނިކުފާނު ކަންކުރައްވާނެ ގޮތަކީ އެމަނިކުފާނު ރަށްރަށަށް ވަޑައިގެން ކައުންސިލުތަކާ ބައްދަލުކުރެއްވުން ކަމުގައި ރައީސް ވިދާޅުވިއެވެ.

އަދި ކުރިޔަތް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ހުރިހާ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރަށްރަށަށް ދަތުރުތައް ކުރައްވާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.