ކޮޅުމަޑުލު ކިނބިދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރުކުރި ކޮޅުމަޑުލު ކިނބިދޫ ސްކޫލުގައެވެ.

މިއަދުގެ ބައްދަލުވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކާއި، ރަށުގެ ތަރައްގީއަށް ބޭނުންވާކަންކަން ރައީސްއާ ހިއްސާކުރައްވާފައެވެ. އެގޮތުން ކިނބިދޫ އާއި ވޭމަންޑޫ އެއްފަސްކުރުމާއި، ސްކޫލުގެ މަލްޓިޕާޕަސް ހޯލް ގާއިމުކުރުމަށް ބޭނުންވާކަމުގައި ފާހަގަކުރެއްވިއެވެ. އަދި ރަށުގެ ރައްޔިތުންނަށް އާސަންދަ ނިޒާމުގައި ހުރި ކަންބޮޑުވުންތައް ތަފުޞީލީ ގޮތެއްގައި ކައުންސިލުން ހިއްސާކުރެއްވިއެވެ.

ހަމަ އެއާއެކު ރަށުގެ ކުރިއެރުމަށް ފަތުރުވެރިކަން ތަރައްގީކުރުމަށް ބޭނުންވާކަމަށާއި، ކިނބިދޫގެ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ހުރި ގޮންޖެހުންތަކާއި، އިޖުތިމާއީ ގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކުރެއްވިއެވެ. މީގެ އިތުރުން ކިނބިދޫގެ ޒުވާނުންނަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ރަށުގައި ކުޅިވަރު ކުޅެވޭނެ ރަނގަޅު ވަސީލަތްތައް ގާއިމުވެފައި ނެތުންކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ކިނބިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިންވެސް ވަނީ އެކަނބަލުންގެ ކަންބޮޑުވުންތަކާއި އެންމެ ބޭނުންވާ ކަންތައްތަކާއި ބަޖެޓުގެ ދަތިކަމާއި، ރަށުގެ އަންހެން ކަނބަލުން އުފައްދާ ތަކެތި މާކެޓަށް ނެރުމުގައި ހުރި ގޮންޖެހުންތައް ރައީސްއާ ހިއްސާ ކުރައްވާފައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ހަައްލު ހޯއްދަވައިދެއްވުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތް ކޮށްދެއްވާނެކަމަށެވެ. އަދި ރަށަށް އާމްދަނީ ހޯދައިދިނުމަށް ސަރުކާރުން ހުޅުވާލާފައިވާ ފުރުޞަތުތަކުގެ ބޭނުން ހިފައި ރައްޔިތުންގެ އާމްދަނީ ތަނަވަސްވާނެ މަގު ފަހިކުރުމަށް ކައުންސިލުގެ ފަރާތުން މަސައްކަތްކުރެއްވުމަށް ބާރުއެޅުއްވިއެވެ.

މީގެ އިތުރުންވެސް އަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތައް ވިދާޅުވެދެއްވައި، އަންހެނުން އުފައްދާތަކެތި ގަނެ ވިއްކައި ކަނބަލުންގެ މަސައްކަތްތައް ކުރިއަށްގެންދެވޭނެ ފުޅާ ފުރުޞަތުތަކެއް މި ސަރުކާރުން ފަހިކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.