އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން) ގެ ފައިނަލުގެ ޖާގަ އައިވޮރީ ކޯސްޓް އަދި ނައިޖީރިއާއިން ކަށަވަރުކޮށްފިއެވެ.

މިދެޓީމު ފައިނަލަށް ދަތުރުކުރީ ރޭގައި ދެޓީމުން ކުޅުނު ސެމީ ފައިނަލު ކާމިޔާބުކޮށްގެންނެވެ.

އައިވޮރީ ކޯސްޓް ރޭގެ ސެމީގައި ނިކުތީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއާ ދެކޮޅަށެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މެޗު އައިވޮރީ ކޯސްޓުން ކާމިޔާބުކުރީ އެއް ލަނޑު ސުން ލަނޑުގެ ނަތީޖާއަކުންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖެހީ އައިވޮރީ ކޯސްޓުގެ ސެބާސްޓިއެން ހޯލާއެވެ.

ނައިޖީރިއާ މުބާރާތުގެ ފައިނަލުގެ ޖާގަ ކަށަވަރުކުރީ ރޭގެ ސެމީގައި ޕެނަލްޓީ ޖަހައިގެން ސައުތު އެފްރިކާ އަތުން ކުރި ހޯދައިގެންނެވެ. މެޗުގެ ކުޅުން ހަމަވިއިރު 1-1 އަކުން ނަތީޖާ އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީ ޝޫޓްއައުޓް ނައިޖީރިއާއިން ކާމިޔާބުކުރީ 4-2 އަކުންނެވެ.

ނައިޖީރިއާ އަދި އައިވޮރީ ކޯސްޓު މުބާރާތުގެ ފައިނަލުގައި ނިކުންނާނީ 12 ފެބްރުއަރީ ވާ ހޯމަ ދުވަހު, ރާއްޖެ ގަޑިން މެންދަމު 1:00 ގައެވެ.