ޣައްޒާގައި ހިނގަމުންދާ އިންސާނީ ކާރިސާ ހުއްޓުވުމަށް އޮތް ހަމައެކަނި ހައްލަކީ ވަގުތުން ވަގުތަށް މި ހަނގުރާމަ ހުއްޓާލުން ކަމަށް ރަޝިޔާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ސާރްޖީ ވަރްޝިނިން ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ އދގައި ފަލަސްތީނަށް އެހީވުމަށް ހަދާފައިވާ އޭޖެންސީ މަސައްކަތް ކުރަމުންދަނީ ވަރަށް ދަތި ހާލަތްތަކެއްގައި ކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވެފައިވަނީ އެހެން ގައުމުތަކާއި އޯގަނައިޒޭޝަން ތަކުން ޣައްޒާއަށް ބޭނުންވާ އެހީ ފޯރު ކޮށްދެވޭނީ ގައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓިގެން ކަމަށެވެ.

އދގެ ރިލީފް އޭޖެންސީއަށް ފަންޑުކުރަމުން ދިޔަ ބައެއް ގައުމުތަކުން ފަންޑުކުރުން ހުއްޓާލުމާއި ގުޅިގެން ވަރްށިނިންއާ ކުރި ސުވާލަކަށް ޖަވާބުދެމުން އޭނާ ވިދާޅުވީ މި ހަނގުރާމަ ވަރަށް "އާރޖެންޓް" ކޮށްް ހުއްޓާލަން ޖެހޭ ކަމަށެވެ.

އިޒްރޭލުގެ ޕްރައިމް މިނިސްޓަރު ބެންޖަމިން ނަތަންޔާހު ވަނީ ޣައްޒާއަށް ހަމަލާދިނުން ނުހުއްޓާނެ ކަމަށް ބުނެފައެވެ. އަދި ދުނިޔެއިން ހަނގުރާމަ ހުއްޓުމަށް ކިތަންމެ ވަރަކަށް ނުފޫޒު ފޯރުކުރަން މަސައްކަތް ކުރި ކަމުގައި ވިޔަސް ހަނގުރާމަ ކާމިޔާބު ވުމަށް ދާނދެން ހަނގުރާމަ ކުރިއަށް ދާނެ ކަމަށް ނަތަންޔާހު ވަނީ ބުނެފައެވެ.