އިނގިރޭސި އެފްއޭ ކަޕުގެ ހަތަރު ވަނަ ރައުންޑްގައި އެސްޓޮންވިލާ ބަލިކޮށް ޗެލިސީއިން މުބާރާތުގެ ފަސްވަނަ ބުރަށް ދަތުރުކޮށްފިއެވެ.
ރޭގައި އެސްޓޮން ވިލާގެ ވިލާ ޕާކު ސްޓޭޑިއަމްގައި ކުޅުނު މެޗަކީ ހަތަރު ވަނަ ރައުންޑްގެ ދެވަނަ މެޗެވެ. މިމެޗަކީ ހަތަރު ވަނަ ރައުންޑްގެ ފުރަތަމަ މެޗު 0-0 އަކުން ދެޓީމުން އެއްވަރުވެފައި ވާތީ މުބާރާތުގައި ކުރިއަށްދާނެ ޓީމެއް ކަށަވަރުކުރުމަށް ކުޅުނު މެޗެވެ.
ރޭގައި ކުޅުނު މެޗު ޗެލްސީއިން ފަށާފައިވަނީ ވަރުގަދަކޮށެވެ. އެގޮތުން ޗެލްސީއިން ވަނީ މެޗުގެ 11 ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކޮނަރ ގެލެގާއެވެ. އޭގެ 10 މިނެޓު ފަހުން ޗެލްސީގެ ސްޓްރައިކަރ ނިކޮލާ ޖެކްސަން ކާމިޔާބުކުރި ލަނޑާއެކު އެޓީމުން ފުރަތަމަ ހާފު ނިންމާލީ 2-0 އަކުން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގެ 54 ވަނަ މިނެޓުގައި ޗެލްސީގެ އެންޒޯ ފާނަންޑޭޒް ކާމިޔާބުކޮށްދިން ލަނޑާއެކު އެޓީމުން ވަނީ ލީޑު ތިން ގޯލަށް އިތުރުކޮށްފައެވެ. އެސްޓޮން ވިލާއިން މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗުފެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިޔެއް ގޮތުގައި އެރި މޫސާ ޑިއާބީއެވެ.
މުބާރާތުގެ ފަސްވަނަ ރައުންޑްގައި ޗެލްސީއިން ނުކުންނާނީ މިދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުން ރެލިގޭޓްވި ލީޑްސް ޔުނައިޓެޑާ ދެކޮޅަށެވެ.