ފުޓުބޯޅަ މުބާރާތްތަކުގައި އިޒްރޭލަށް ބައިވެރި ނުވެވޭ ގޮތް ހެދުމަށް, މެދު އިރުމަތީގެ ފުޓުބޯޅަ އެސޯސިއޭޝަނުން ފީފާއަށް ފޮނުވި ސިޓީއެއްގައި އެދިއްޖެއެވެ.
މިސިޓީ ފޮނުވާފައިވަނީ ނިމިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުކަމަށް މީޑިއާތަކުން ވަނީ ހާމަކޮށްފައެވެ.
އެސިޓީގައި ވަނީ ފީފާ އާއި އެހެނިހެން ފުޓުބޯޅަ އެސޯސިއޭޝަންތަކަށް އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި އަމަލުތަކާ ގުޅިގެން އިޒްރޭލުގެ ގައުމީ ޓީމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލައިފައެވެ. އިޒްރޭލުގެ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް, އެގައުމުން ހިންގަމުންދާ ޖަރީމާތަކަށް ނިންމުމެއް އަންނަން ދެން, އެގައުމަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިދިނުމަށް ވެސް އެސިޓީގައި ވަނީ އެދިފައެވެ.
އެސިޓީ ފޮނުވި ކަމުގައިވިޔަސް އިޒްރޭލުގެ ގައުމީ ޓީމަށް ފީފާއިން ފިޔަވަޅެއް ނާޅާނެ ކަމަށް ގަބޫލުކުރާކަމަށް އިޒްރޭލުގެ ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް ނިވް ގޯލްޑްސްޓެއިން ވަނީ ބުނެފައެވެ. ސިޔާސީ ކަންކަމާ ކުޅިވަރާ ގުޅުމެއް ނެތް ކަން ފީފާއަށް ވިސްނޭނެ ކަމާ މެދު އޭނާ ގަބޫލުކުރާކަމަށް ސްކައި ނިއުސްއަށް ދިން އިންޓަވިއުއެއްގައި ނިވް ވަނީ ބުނެފައެވެ.
އެތައް ގައުމެއްގެ ފުޓުބޯޅަ އެސޯސިއޭޝަނަކުން އަންނަނީ އިޒްރޭލުން ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން އެގައުމުގެ ފުޓުބޯޅަ ޓީމުތައް ކުޅުމާ ދުރުކުރުމަށް ފީފާއަށާއި ޔޫއެފާއަށް ގޮވާލަމުންނެވެ. ނަމަވެސް އެފަދަ އެއްވެސް ހިޔާލެއް ނުގެންގުޅޭ ކަމަށް ޔޫއެފާއިން ވަނީ ހާމަކޮށްފައެވެ.