ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ފުލުސް އޮފީހަށް ހާޒިރުކުރީ އެމްއެމްޕީއާރްސީން ރިސޯޓެއް ތަރައްގީ ކުރުމަށް ދޫކުރި ރަށެއްގެ މައްސަލާގައި ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގެ ތަހުގީގަށް މިއަދު 13:00 އަށް ރައީސް ޔާމީން ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް މިއަދު ބަޔާނުގައި ސޮއިކޮށްފައެއް ނުވެއެވެ.

މިހާތަނަށް ރައީސް ޔާމީންގެ ދެ މައްސަލައެއް ތަހުގީގުކޮށް ތިން ދައުވާ އުފުލާފައިވާއިރު، އޭގެތެރެއިން އެއް މައްސަލަ ސާބިތުވެ ފަސް އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމް ކޮށްފަ އެވެ. އަދި ދެވަނަ މައްސަލާގައި އުފުލި ދެ ދައުވާގެ އަޑުއެހުންތައް ނުނިމެއެވެ.

މިފަހަރު ތަހުގީގު ކުރާ މައްސަލައިގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

މިކަމާ ގުޅޭގޮތުން ރައީސް ޔާމީންގެ ގާނޫނީ ޓީމްގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ މިވެރިކަން ނިމެންދެން ސިލްސިލާ ގޮތެއްގައި ރައީސް ޔާމީނާ ގުޅޭގޮތުން އެކި އެކި ތަހުގީގު ހިންގަމުންދާނެ ކަމަށެވެ.

ކިތަންމެ މައްސަލައެއް ތަހުގީގު ކޮށް ކިތަންމެ ދައުވާ އެއް އުފުލިޔަސް ރައީސް ޔާމީންގެ ހިތްވަރަށް ކުޑަކޮށްވެސް ބަދަލެއް ނާންނާނެ ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.