އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑު (އައިއެފްބީ)އިން ނޫކާޑު ތައާރަފު ކޮށްފިނަމަ ފުޓުބޯޅަ ހަލާކުވާނެ ކަމަށް ޓޮޓެންހަމުގެ ކޯޗު އޭންޖް ޕޮސްޓެކޯގްލޫ ބުނެފިއެވެ.

ޕޮސްޓެކޯގްލޫ, އަލަށް ފުޓުބޯޅައަށް ތައާރަފު ކުރާ ނޫކާޑާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައިވަނީ އޭނާ ދިން އިންޓަވިއުއެއްގައެވެ.

"ކާޑެއް އިތުރު ކުރީމަ ވާނެ ފައިދާއެއް އަހަންނަކަށް ނުފެނޭ. ރީނދޫ ކާޑާ ރަތް ކާޑުން ކުޅުންތެރިން ކުރާ ފައުލުތަކަށް އެކަށީގެންވާ އަދަބު ދެވޭ" ނޫކާޑާ މެދު އޭނާ ދެކޭ ގޮތް ހާމަކުރަމުން ޕޮސްޓެކޯގްލޫ ބުންޏެވެ.

ނޫކާޑަކީ އައިއެފްބީއިން ފުޓުބޯޅައަށް މުޅިން އަލަށް ތައާރަފު ކުރުމަށް މަސައްކަތް ކުރަމުންދާ ކާޑެކެވެ. މިކާޑު ބޭނުން ކުރާނީ ކުދި ފައުލުތަކުގެ އިތުރުން ހަޑިހުތުރު ބަހުން މުއާމަލާތު ކޮށްފިނަމައެވެ. ނޫކާޑު ދެއްކުމުން ކުޅުންތެރިޔާ 10 މިނެޓަށް ދަނޑުން ފައިބަން ޖެހޭނެއެވެ. އަދި 2 ނޫކާޑު ހަމަވެއްޖެނަމަ ކުޅުންތެރިޔާއަށް ރަތެއް ދައްކާ ދަނޑުން ފޮނުވާލެވިދާނެއެވެ.

އަލަށް ތައާރަފުކުރުމަށް ހުށަހަޅާފައިވާ ކާޑާ މެދު ނުރުހުން ފާޅުކޮށްފައިވަނީ ހަމައެކަނި ޓޮޓެންހަމުގެ ކޯޗެއް ނޫނެވެ. ލިވަޕޫލުގެ ކޯޗު ޔާގަން ކްލޮޕުގެ އިތުރުން ނިއުކާސަލްގެ ކޯޗު އެޑީ ހޯވް ވެސް ވަނީ ނޫކާޑާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.