އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން – އެފްބީއައިގެ 2 އޭޖެންޓުންގެ ގަޔަށް ބަޑިޖަހައި މަރާލައި، އިތުރު 3 އޭޖެންޓުން ޒަޚަމްކޮށްލައިފިއެވެ.
މިހާދިސާ ހިނގާފައިވަނީ، އެމެރިކާގެ ފްލޮރިޑާގެ ސަންރައިސް ނަމަކަށްކިޔާ ސަރަހައްދުގައި އަންގާރަ ދުވަހުއެވެ.
އެފްބީއައި އޭޖެންޓުންގެ ގަޔަށް މީހަކު ބަޑިޖަހާފައިވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެއްގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުން އެޕާޓްމަންޓެއް ބަލައި ފާސްކުރަން އުޅުމުގެ ތެރޭގައެވެ.
މިހާދިސާ ހިނގިކަން އެފްބީއައި އިން ނެރުނު ބަޔާނެއްގައިވަނީ ކަށަވަރު ކޮށްދީފައެވެ. އަދި ޒަޚަމްވި 3 އޭޖެންޓުންގެ ތެރެއިން 2 އޭޖެންޓަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންގެންދާ ކަމަށްވެސް ބުނެފައި ވެއެވެ.
އަދި އެފްބީއައި އޭޖެންޓުންގެ ގަޔަށް ބަޑިޖެހިމީހާ މަރާލާފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުގެ ތަރުޖަމާނު ވިދާޅުވީ، އެފްބީއައި އޭޖެންޓުންނަށް ހަމަލާދިން ހާދިސާގެ ކަންކަން އެކްޓިންގ އެޓަރނީ ޖެނެރަލް މޮންޓީ ވިލްކިންސަން ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ.
ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން – އެފްބީއައި އަކީ އެމެރިކާގެ އެންމެ ވަރުގަދަ މަރުކަޒީ ތަހްގީގީ އިދާރާއެވެ.
އޭޖެންޓުންތަކެއްގެ ގަޔަށް ބަޑިޖަހައި މަރާލި ހާދިސާއާ ގުޅިގެން، އެފްބީއައިގެ އުސޫލުގައިވާ ގޮތުގެމަތިން އެ އިދާރާގެ އިންސްޕެކްޝަން ޑިވިޜަނުން މިހާރުވަނީ ތަހްގީގު ފަށާފައެވެ.
މަސައްކަތުގައި އުޅެނިކޮށް އެފްބީއައިގެ އޭޖެންޓެއްގެ ގަޔަށް ބަޑިޖަހައި މަރާލުމުގެ ހާދިސާތައް މީގެކުރިން ހިނގާފައިވަނީ ވަރަށް ނާދިރު ފަހަރެއްގައެވެ.
އެންމެފަހުން މިފަދަ ހާދިސާއެއް ހިނގާފައިވަނީ 1996 ވަނަ އަހަރުގެ މާޗްމަހުގެ 22 ވަނަ ދުވަހުއެވެ. އެ ހާދިސާގައި މަރާލާފައިވަނީ އެފްބީއައިގެ ސްޕެޝަލް އޭޖެންޓް ޗާލްސް ލިއޯ ރީޑެވެ. އޭނާގެ ގަޔަށް ބަޑިޖަހާފައިވަނީ މަސްތުވާތަކެތީގެ ތަހްގީގެއްގައި އަސްލު އޮޅުވާލައިގެން އުޅެނިކޮށެވެ.