މިއަދު ފާހަގަކުރާ ޝަހީދުންގެ ދުވަހާއި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގައުމާ މުހާތަބު ކުރައްވާނެއެވެ.

އެމަނިކުފާނު ގައުމާ މުހާތަބު ކުރައްވާނީ މިއަދު ހެނދުނު 10:00 ގައެވެ.

ޝަހީދުންގެ ދުވަހަކީ މީގެ އަހަރުތަކެއް ކުރިން ފެށިގެން ރާއްޖޭގައި ފާހަގަކުރަމުން އަންނަ ދުވަހެކެވެ. މި ދުވަސް ނިސްބަތްވެގެންވަނީ އިސްލާމްދީނާއި ގައުމުގެ ދިފާއުގައި ޕޯޗްގީޒުންނާ ހަނގުރާމަކުރައްވައި، އލީ ރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހަށެވެ. އެއީ ހިޖުރައިން 965 ވަނަ އަހަރުގެ ޝައުބާން މަހުގެ އެއްވަނަ ދުވަހެވެ.

މިދުވަސް ފާހަގަކުރަނީ ގައުމަށްޓަކައި ޝަހީދުވެ ގޮސްފައިވާ ގައުމީ އަބްތާލުންގެ ހިދުމަތްތަކުގެ ހަނދާންކޮށް، އެ އަބްތާލުންގެ ޒިކުރާ އާކުރުމަށެވެ.

މީގެއިތުރުން މި ދުވަސް ފާހަގަކުރެއްވުމަށް ގައުމީ ފެންވަރުގައި ކޮންމެ އަހަރަކު ޖަލްސާއެއް ބާއްވައި، ޝަހީދުންގެ ޒިކުރާ އައުކޮށް، އެމީހުންގެ ޖިހާދުން ހިއްވަރު ލިބިގަތުމަށާއި ދިވެހިންގެ އެއްބައިވަންތަކަމުގެ ސަފުތައް ވަރުގަދަކުރުމަށް ބާރުއަޅަމުން ގެންދެެއެވެ.