މިއަދަކީ ރާއްޖޭގައި ފާހަގަކުރާ ޝަހީދުންގެ ދުވަހެވެ. ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންކުރުމަށް ޖިހާދުކުރައްވަނިކޮށް އަލިރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހަށް ނިސްބަތްކޮށް މިދުވަސް ފާހަގަކުރިނަމަވެސް، މިއީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިންގެ މިނިވަންކަމުގެ ދިފާޢުގައި ޖިހާދުވެވަޑައިގެންނެވި ޤައުމީ ބަޠަލުންގެ ޛިކުރާ އާކުރުމުގެ މަޤްޞަދުގައި ފާހަގަކުރަމުން އަންނަ ދުވަހެކެވެ.

މީލާދީން 1980 ވަނަ އަހަރުގެ ޖޫން 14 ވަނަ ދުވަސް، ހިޖުރީ ގޮތުން 1400 ވަނަ އަހަރުގެ ޝައުބާންމަހުގެ 1 ވަނަ ދުވަހަކީ ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގައި، މިއަދު ފާހަގަ މި ކުރާ "ޝަހީދުންގެ ދުވަސް" ފާހަގަކުރި ދުވަހެވެ.

ދީނާއި ވަތަނަށްޓަކައި ގުރުބާންވެ ލޭ އޮހޮރުވުމަށް ފަސްނުޖެހި ދުޝްމިނުންނާ ކުރިމަތިލުމަށް ނުކުމެ، ދީނާއި ވަތަން ދިފާއުކުރުމުގައި ޝަހީދުވެދިޔަ މާތް ޝަހީދުންގެ ހަނދާނުގައި، އެ ޒިކުރާ އާ ކުރުމަށް ރާއްޖޭގައި ޝަހީދުންގެ ދުވަސް ފާހަގަކުރަނީ ހިޖުރީ ގޮތުން ކޮންމެ އަހަރެއްގެވެސް ޝައުބާން މަހުގެ އެއްވަނަ ދުވަހުއެވެ. އައްސުލްޠާން ޢަލީ 6 ވަނަ ސިރީ އައުދަ ސިޔާކަ ކައްތިރި ބަވަނަ މަހާރަދުން ނުވަތަ އަލިރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހަށް ނިސްބަތްކޮށް، އެ ރަސްގެފާނު ޝަހީދުވެވަޑައިގަތް (ހިޖުރައިން 965 ވަނަ އަހަރުގެ ޝަޢުބާންމަހުގެ އެއްވަނަ ދުވަސް) މިދުވަސް ފާހަގަކުރި ނަމަވެސް މިއަދަކީ އެފަދަ އެތައް އަލިރަސްގެފާނެއްގެ ހަނދާނާއި ޒިކުރާ އާކުރާ ދުވަހެކެވެ. ޕޯޗްގީޒުންގެ އަތްދަށަށް ރާއްޖެ ދިޔައީ، އަލިރަސްގެފާނު ނުހަނު ހިތްވަރާއެކު އެބައިމީހުންނާ ކުރިމަތިލައްވައި ޝަހީދުވެވަޑައިގެންނެވި ފަހުން ކަމަށް ތާރީހީ ފޮތްތަކުގައި ބުނެވިފައިވެއެވެ.

ތާރީހު ބުނާ ގޮތުން ޢަލިރަސްގެފާނު ފަސްދާނުލެވުނު ކަމަށްވަނީ އަވަހާރަވެގެން ވެއްޓިވަޑައިގަތް ތަނުގައެވެ. މަޝްހޫރު ޢަލިރަސްގެފާނު ޒިޔާރަތް ހުންނަނީ އެތަނުގައެވެ.

މިއަދަކީ ޝަހީދު އަލިރަސްގެފާނުގެ އެކަނި ޒިކުރާ އާކުރާ ދުވަހެއްނޫނެވެ. މިއަދު ފާހަގަކުރަމުންއަންނަނީ ޝަހީދުންގެ މާތް ދަރަޖަ ލިބިވަޑައިގެން، ރާއްޖޭގެ މިނިވަންކަމާއި މާތްވެގެންވާ އިސްލާމްދީނާއި ރާއްޖޭގެ އަމިއްލަ ވެރިކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކާ މަސައްކަތް ކުރުމުގައި ޝަހީދުވެވަޑައިގެންނެވި އެތައް ބަޠަލުންނެއްގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ.

ޝަހީދުންގެ ދުވަސް ފާހަގަކުރާއިރު، އައްސުލްޠާނުލް ޣާޒީ ތަކުރުފާނުލް އަޢުޒަމް، (ބޮޑުތަކުރުފާނު) އާއި އެޖިހާދުގައި ޝަހީދުވެވަޑައިގެންނެވި ބޮޑުތަކުރުފާނުގެ ބޭބޭފުޅު ޢަލިތަކުރުފާނާއި، ޕޯޗުގީޒުންނާއި ކުރިމަތިލައްވައި ޖިހާދު ކުރެއްވުމުގައި ޝަހީދުވެވަޑައިގެންނެވި ކަނބާ އައިޝާއާއި، މަލާބާރީންނާ ހަނގުރާމަކުރައްވަނިކޮށް ޝަހީދުވެވަޑައިގެންނެވި ބޮޑުތަކުރުފާނުގެ ދަރިކަލުން އައްސުލްޠާން ޢިބްރާހީމް ކަލާފާނު (ތިންވަނަ)ގެ ނަންފުޅު، 1988ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ތިންވަނަ ދުވަހު ސިފައިންގެ މައިދޮރާށި ދިފާއުކުރަން މަސައްކަތް ކުރަމުންދަނިކޮށް ޝަހީދުވި ހދ. ކުޅުދުއްފުށީ ޙުސެއިން އާދަމާއި، އެދުވަހު ދިވެހިންގެ ތެރެއިން ޝަހީދުވެގެންދިޔަ ސިފައިންނާއި ޢާއްމު މީހުންގެ ޒިކުރާވެސް އާކުރަންޖެހެއެވެ.

މިއަދު ޝަހީދުންގެ ޒިކުރާ އައުކޮށް އެހަނދާންތައް ދިރުވައި އާލާކުރާއިރު އަޅުގަނޑުމެން ދިވެހިން ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ދިވެހިރާއްޖެ މި އަމާންކަންމަތީ މިހިސާބަށް އައިސްފައި މިއޮތީ މިބިމާއި މިވަތަނަށްޓަކައި އިސްލާމްދީނުގެ ދިފާއުގައި ބަޔަކު ވެފައިވާ ގުރުބާނީއާއި އޮހޮރުވާލި ލޭތަކަކަށްފަހުގައި ކަމެވެ. އަދި މި މިނިވަންކަމާއި އަމާންކަމަކީ އެ ބަތަލުންގެ ފަރާތުން އައިސްފައި އޮތް ބޮޑު އަމާނާތެއްކަމާއި އެއަށް އަމާނާތްތެރިވުމަކީ ކޮންމެ ދިވެއްސެއްގެވެސް ފަރުދީޒިންމާއެއްކަން ގަބޫލުކުރަން ޖެހެއެވެ. އަދި އަންނަން އޮތް ޖީލުތަކާ ހަމައަށް މިއަމާނާތް އޭގެ ފުރިހަމަކަމާއެކު ގެންދިއުމަށް ހިތްވަރާއެކު މަސައްކަތްކުރަންވެސް ޖެހޭނެއެވެ.

މިއަދު ޝަހީދުންގެ ދުވަސް ފާހަގަކުރާއިރު އަޅުގަނޑުމެން އެންމެންވެސް ދިވެހިރާއްޖޭގެ މިނިވަންކަން ހިމާޔަތް ކުރުމުގައި އިސްލާމްދީނަށްޓަކައި ޝަހީދުވެދިޔަ ބަތަލުންގެ ޒިކުރާ އާކުރާއިރު އެފަދަ އަޒުމެއް އަމިއްލަ ހިިތުގެ އަޑިން ކަނޑައެޅުން މުހިންމެވެ. ގައުމުދެކެ ލޯބިވާން ދަރިންނަށް ދަސްކޮށްދީ ބުނެދީ ކިޔައިދީ ހެދުމަކީ ކޮނޑުގައި އެޅިފައިވާ ޒިންމާއެކެވެ. ޝަހީދުވި ބަތަލުންގެ ޒިކުރާ އާ ކޮށް ކިޔައިދީ ލޯބި ޖެއްސުމަކީ ކުރަން ޖެހޭ ކަމެއްމެއެވެ.