އިނގިރޭސި ޕްރިމިއާ ލީގުގައި ބާންލީ އަދި ލިވަޕޫލު ބައްދަލުކުރި މެޗު 3-1 އަކުން ކާމިޔާބުކޮށް ލީގުގެ އެއްވަނަ ލިވަޕޫލުން ދިފާއުކޮށްފިއެވެ.

ލިވަޕޫލުގެ އެންފިލްޑް ސްޓޭޑިއަމްގައި ކުޅުނު މެޗަށް ލިވަޕޫލުން ނިކުތް އިރު އެޓީމުން އޮތީ ތާވަލުގެ ދެވަނައަށް ވެއްޓިފައެވެ. އެއްވަނައިގައި އޮތީ ވަރުގަދަ މެންޗެސްޓާ ސިޓީއެވެ. ނަމަވެސް މެޗުން މޮޅުވެގެން ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުސަތު ލިވަޕޫލަށް އޮތެވެ.

މެޗު ފެށިގެން ރަނގަޅަށް ކުޅެފައިވަނީ ލިވަޕޫލުންނެވެ. އެގޮތުން 31 ވަނަ މިނެޓުގައި ލިވަޕޫލުގެ ޑިއޯގޯ ޖޯޓާ ކާމިޔާބުކޮށްދިން ލަނޑާއެކު އެޓީމުން ވަނީ ލީޑު ނަގާފައެވެ. ނަމަވެސް ބާންލީއިން ވަނީ މެޗުގެ 45 ވަނަ މިނެޓުގައި ލަނޑު ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑާރާ އޯޝިއާއެވެ. ޑާރާގެ ގޯލާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 އަކުން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފުގައި ލިވަޕޫލުން ވަނީ ކުޅުން ރަނގަޅުކޮށް, މެޗުގެ 52 ވަނަ މިނެޓުގައި އަލުން މެޗުގެ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލުއިސް ޑިއާޒެވެ. ލިވަޕޫލުގެ އެންމެ ފަހު ލަނޑު ފެނިގެން ގޮސްފައިވަނީ މެޗުގެ 79 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އުރުގުއާއީގެ ތަރި ޑާވިން ނޫނޭޒެވެ.

މިމެޗުން މޮޅުވުމާއެކު ލިވަޕޫލުން ވަނީ އަނެއްކާ ވެސް ތާވަލުގެ އެއްވަނައަށް ޖެހިލައިފައެވެ. އެޓީމު އެއްވަނައިގައި އޮތީ ކުޅުނު 24 މެޗުން ލިބުނު 54 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ސިޓީއަށް ލިބިފައިވަނީ 52 ޕޮއިންޓެވެ. ނަމަވެސް ސިޓީ ކުޅެފައިވަނީ އެއް މެޗު މަދުން ކަމަށް ވާތީ އެޓީމަށް ލީގުގެ އެއްވަނައަށް އެރުމުގެ ފުރުސަތު އެބައޮތެވެ.