އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އަދި ވެސްޓްހަމަ ބައްދަލު ކުރި މެޗު 6-0 ގެ ތަފާތަކުން އާސެނަލްއިން ކާމިޔާބުކޮށްފިއެވެ.
ވެސްޓްހޭމް ސްޓޭޑިއަމްގައި ކުޅުނު މެޗު އާސެނަލްއިން ފެއްޓީ ވަރުގަދަކޮށެވެ. އެގޮތުން އެޓީމުން ވަނީ މެޗު ފެށިގެން އެތައް ނުރައްކާތެރި ހަމަލާއެއް ވެސްޓްހަމްގެ ގޯލަށް ފޮނުވާލާފައެވެ.
އާސެނަލް މެޗުގައި ލީޑު ނެގީ 32 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އާސެނަލްގެ ޑިފެންޑާރ ވިލިއަމް ސަލީބާއެވެ. އާސެނަލްއިން އެޓީމުގެ ލީޑު ދެގޯލަށް ފުޅާކުރީ މެޗުގެ 41 ވަނަ މިނެޓުގައި ބުކާޔޯ ސާކާ ކާމިޔާބުކުރި ލަނޑުންނެވެ. އޭގެ 3 މިނެޓު ފަހުން އާސެނަލްގެ ޑިފެންޑަރު ގެބްރިއެލް ވަނީ އެޓީމުގެ ތިން ވަނަ ލަނޑު ޖަހާފައެވެ. އާސެނަލްގެ ހަތަރު ވަނަ ގޯލު ފެނިގެންގޮސްފައި ވަނީ ފުރަތަމަ ހާފުގައި ކުޅުނު އިތުރު ވަގުތުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލިއަންޑްރޯ ޓްރޮސާޑެވެ. ޓްރޮސާޑުގެ ގޯލާއެކު ވެސްޓްހަމުގެ ބައެއް ސަޕޯޓަރުން ވަނީ މެޗު އިތުރަށް ނުބަލަން ދަނޑު ދޫކޮށް ގޮސްފައެވެ.
ދެވަނަ ހާފުގެ 63 ވަނަ މިނެޓުގައި ސާކާ ވަނީ މެޗުގައި އޭނާގެ ދެވަނަ ލަނޑު ޖަހައި އާސެނަލްގެ ލީޑު ފަސް ގޯލަށް އިތުރުކޮށްދީފައެވެ. އޭގެ ދެމިނެޓު ފަހުން, މިސީޒަނުގައި ވެސްޓްހަމު ދޫކޮށް އާސެނަލްއާ ގުޅުނު, ޑެކްލަން ރައިސް ވަނީ އޭނާގެ ކުރީގެ ޓީމުގެ ކޮޅަށް ލަނޑު ޖަހައި އާސެނަލްގެ ހަވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ.
މިމެޗަކީ 1935 ވަނަ އަހަރަށް ފަހު އާސެނަލްއިން އަމިއްލަ ރަށާ ދުރުގަ ކުޅުނު ލީގު މެޗެއްގައި 6 ލަނޑުގެ ތަފާތުން މެޗެއް މޮޅުވި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މިމެޗަކީ 1963 ވަނަ އަހަރަށް ފަހު 6 ލަނޑުގެ ތަފާތަކުން ވެސްޓްހޭމް ބަލިވި ފުރަތަމަ މެޗެވެ.
މިމެޗުން މޮޅުވުމާއެކު އާސެންލްއިން ވަނީ ލީގުގެ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރުވެފައެވެ. އާސެނަލްއިން ތާވަލުގެ ތިންވަނައިގައި އޮތީ ކުޅުނު 24 މެޗުން ލިބުނު 52 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ސިޓީ އޮތީ 23 މެޗު ކުޅެ ލިބުނު 52 ޕޮއިންޓާއެކުގައެވެ. އެއްވަނައިގައި އޮތް ލިވަޕޫލަށް ލިބިފައިވަނީ 54 ޕޮއިންޓެވެ. މެޗުން ބަލިވި ވެސްޓްހަމް އޮތީ ކުޅުނު 24 މެޗުން ލިބުނު 36 ޕޮއިންޓާއެކު ތާވަލުގެ އަށްވަނައިގައެވެ.