އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަންވިލާ 2-1 އިން ބަލިކޮށް, ޗެމްޕިއަންސް ލީގުގެ ޖާގަ ކަށަވަރުކުރުމުގެ އުއްމީދު މެންޗެސްޓާ ޔުނައިޓެޑުން އާކޮށްފިއެވެ.
އެސްޓަންވިލާގެ ވިލާ ޕާކު ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރަށް ވާދަވެރި ކުޅުމެކެވެ. މެޗުގައި އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ ޔުނައިޓެޑުންނެވެ. މިލަނޑު ކާމިޔާބުކުރީ, ޑިފެންޑާރ ހެރީ މެގުއާ ފަހި ކުރި ފުރުސަތަކުން, ރަސްމުސް ހޮއިލަންޑެވެ. 21 އަހަރުގެ ޒުވާން ހޮއިލަންޑް ޖެހި ލަނޑާއެކު އޭނާ ވަނީ ލީގުގައި ޖެހިޖެހިގެން ފަސް މެޗުގައި ލަނޑެއް ޖެހި ދެވަނައަށް އެންމެ ހަގު ކުޅުންތެރިޔާއަށް ވެފައެވެ. ހޮއިލަންޑްގެ ތާރީހީ ލަނޑާއެކު މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ އެއް ލަނޑު ސުން ލަނޑުން ޔުނައިޓެޑު ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި އެސްޓަންވިލާއިން ވަނީ ކުޅުން ރަނގަޅުކޮށް, މެޗުގެ 67 ވަނަ މިނެޓުގައި ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ މިޑްފީލްޑާ ޑަގްލަސް ލުއީޒެވެ. ޔުނައިޓެޑުން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގީ މެޗުގެ 86 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލީގުގައި ޔުނައިޓެޑުގެ ޓޮޕް ސޮކޯރާރ ކަމުގައިވާ ސްކޮޓް މެކްޓޮމިނޭއެވެ.
މެޗުން މޮޅުވުމާއެކު ޔުނައިޓެޑަށް ވަނީ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގެ އުއްމީދު އާކުރެވިފައެވެ. އެޓީމު މިވަގުތު އޮތީ 24 މެޗު ކުޅެ ލިބުނު 41 ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގައެވެ. ފަސްވަނައިގައި އޮތީ މެޗުން ބަލިވި އެސްޓަންވިލާއެވެ. އެޓީމަށް ލިބިފައިވަނީ 46 ޕޮއިންޓެވެ. ހަތަރު ވަނައިގައި ޓޮޓެންހަމު އޮތީ ކުޅުނު 24 މެޗުން ލިބުނު 47 ޕޮއިންޓާއެކުގައެވެ. ޗެމްޕިއަންސް ލީގު ކަށަވަރުކުރެވޭނެ ޖާގައަކަށް ޖެހިލާނަމަ ޔުނައިޓެޑަށް ބޭނުން ވަނީ އެންމެ 6 ޕޮއިންޓެވެ.