މިސަރުކާރުގެ ފުރަތަމަ ތިން މަސް ތެރޭގައި ސޮވެރިން ޑިވަލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް 30 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް އިގްތިސާދީ ކަންތައްތަކާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އިގްތިސާދާ ބެހޭ ވަޒީރު ސައީދު މިފަދައިން ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒު މިހާރު ތިލަދުންމައްޗަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ހއ. ކެލާއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅުގައެވެ.
ވަޒީރު ސައީދު ވިދާޅުވީ ރައީސް ޑރ މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު ފެނިވަޑައިގެން ދިޔައީ ޕްރިންޓަރަކާ ކަރުދާހާ ކަމަށެވެ.
މިދިޔަ ސަރުކާރުން ވަނީ ގޮތް ހުސްވުމުން 8 ބިލިއަން ކަރުދާސް ނޫޓު ޗާޕުކޮށް، ފައިސާގެ އަގު ވައްޓާލާފައިވާކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ މި ސަރުކާރުން ވައުދުތައް ވީ ބަޖެޓުގައި ފައިސާ ނެތި ކަމަށާއި އެހެންކަމަށް ވުމާއެކު ވެސް ރައީސް ޑރ މުއިއްޒު ފުރަތަމަ ވެރިކަމަށް ވަޑައިގެން ކުރެއްވި މަސައްކަތަކީ ޗާޕުކުރުން ނިމުމަކަށް ގެނެސްދެއްވުން ކަމާށެވެ.
ސައީދު ވިދާޅުވީ 17 ނޮވެންބަރުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ވެރިކަމާހަވާލުވެ ވަޑައިގެންނެވިއިރުގައި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ބާކީ ހުރީ 2 މިލިއަން ޑޮލަރާއި 2.4 މިލިއަން ރުފިޔާ ކަމަށާއި އެ ފަންޑަކީ ދިވެހި ރާއްޖެއިން ނަގާ ލޯނު އަނބުރާ ދެއްކުމަށްޓަކައި ގާއިމުވެފައި ހުރި ފަންޑެއް ކަމަށެވެ. އަދި އެ ފަންޑުގައި ހުރި ހުރިހާ ފައިސާއެއް މާރުކޮށް ހުސްކޮށްލާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ޗާޕު ކުރުން ނިމުމަކަށް ގެންނަވާ، ދުނިޔެ ގަބޫލުކުރާ ރިފޯމަށް އެމަނިކުފާނު އިސްކަންދެއްވި ކަމަށާއި އަދި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ އެންމެ 3 މަސް ދުވަހުގެ ތެރޭގައި 30 މިލިއަން ޑޮލަރު ސޮވެރިން ޑިވަލޮޕްމަންޓް ފަންޑަށް ޖަމާކޮށްފައިވާ ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.
ސައީދު ވިދާޅުވީ އެއީ ގައުމުދެކެ ލޯބިވާ ވެރިން ކަމަށާއި މިހާރު އެ ދާ ގޮތަށް ދާ ނަމަ މި އަހަރު ނިމޭއިރު 130 މިލިއަން ޑޮލަރު ދިވެހި ރައްޔިތުންގެ ފަހަށް ރައްކާކުރާ ފަންޑަށް ޖަމާވާނެ ކަމަށެވެ.