ރާއްޖޭގެ އިގްތިސާދަށް 5.5 އިންސައްތައިގެ ކުރިއެރުމެއް ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރް ސައީދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖެ ވައްޓާލާފައި އޮތް ނުރައްކާތެރި މާލީ ހާލަތުން މަސައްކަތްކޮށް، ދަރަނި އަދި ނުދައްކާ ހުރި ބިލްތައް ދައްކަމުންދާ ކަމަށެވެ.

އެއާއެކު، މިއަހަރު ރާއްޖޭގެ އިގްތިސާދު 5.5 ޕަސެންޓްގެ ކުރިއެރުމެއް ލިބޭނެކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ސަރުކާރުން މިހާރު ޑޮލަރު ވެސް ޖަމާކުރަމުންދާ ކަމަށް މިނިސްޓަރ ސައީދް ވިދާޅުވެފައިވެ އެވެ.

މިނިސްޓަރ ސައީދް މިހެން ވިދާޅުވެފައިވަނީ ބީއެމްއެލްގެ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ކުރެވޭ އަދަދު ކުޑަ ކުރުމަށް ނިންމާފައިވާ ކަމަށް މީސްމީޑިއާގައި ފެތުރެމުން އަންނަ ވާހަކަތަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއެއްގައިއެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި އިގްތިސާދީ މިފަދަ މައްސަލަތަކުގައި ރައްޔިތުން ކަންބޮޑުވާނެ ފަދަ މޭރުމަކުން ހަބަރު ނުފެތުރުމަށާއި ޒިންމާދާރުކަމާއެކު މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް މީޑިއާތަކަށް ގޮވާލާފައިވެއެވެ.