އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަދި ކްރިސްޓަލް ޕެލޭސް ބައްދަލުކުރި މެޗު, ފަހަތުން އަރައި ޗެލްސީއިން ކާމިޔާބުކޮށްފިއެވެ.

ކްރިސްޓަލް ޕެލޭސްގެ ސެލްހާސްޓް ޕާކް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅެފައިވަނީ ޗެލްސީއިންނެވެ. ނަމަވެސް މެޗުގައި އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ ކްރިސްޓަލް ޕްލޭސްއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖެފާސަން ލާމާއެވެ. ލާމާގެ ލަނޑާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ އެއް ލަނޑު ސުން ލަނޑުން ކްރިސްޓަލް ޕެލޭސް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ޗެލްސީއިން ވަނީ ތަފާތު ކުޅުމެއް ދައްކައި, 47 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކުރިން ކްރިސްޓަލް ޕެލޭސްއަށް ކުޅުނު ކުޅުންތެރިޔެއް ކަމުގައިވާ ކޮނާރ ގެލެގާއެވެ. ޗެލްސީއަށް މެޗުގެ ނަތީޖާ އަނބުރާލެވުނީ މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައެވެ. މިލަނޑު ކާމިޔާބުކުރީ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކުރި ގެލެގާއެވެ. އޭގެ ތިން މިނެޓު ފަހުން އާޖެންޓީނާގެ ތަރި އެންޒޯ ފާނަންޑޭޒް ވަނީ ޗެލްސީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށް ޗެލްސީއަށް މެޗު ކަށަވަރުކޮށްދީފައެވެ.

މިމެޗުން ބަލިވުމާއެކު ކްރިސްޓަލް ޕެލޭސް ވަނީ ލީގުގައި ޗެލްސީ ދެކޮޅަށް އެންމެ ފަހުން ކުޅުނު 13 މެޗުން ވެސް ނާކާމިޔާބު ވެފައެވެ. އެއާއެކު ކްރިސްޓަލް ޕެލޭސް ވަނީ ލީގުގެ ތާރީހުގައި އެއް ޓީމެއް އަތުން ޖެހިޖެހިގެން އެންމެ ގިނައިން ބަލިވި ޓީމަށް ވެފައެވެ.

މެޗުން މޮޅުވުމާއެކު ޗެލްސީއަށް ވަނީ ތާވަލުގެ 10 ވަނައަށް އެރިފައެވެ. އެޓީމުން ދިހަ ވަނައިގައި އޮތީ ކުޅުނު 24 މެޗުން ލިބުނު 34 ޕޮއިންޓާއެކުގައެވެ. މެޗުގައި ނާކާމިޔާބުވި ކްރިސްޓަލް ޕެލޭސް އޮތީ, ކުޅުނު 24 މެޗުން ލިބުނު 24 ޕޮއިންޓާއެކު ތާވަލުގެ 15 ވަނައިގައެވެ.