އިޓާލިއަން ލީގު (ސެރިއާ) ގައި ޔުޑިނީސްއާ ބައްދަލުކުރި މެޗުގައި 1-0 އަކުން ބަލިވެ, ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު ޔުވެންޓަސްއަށް ހަނިވެއްޖެއެވެ.
ޔުވެންޓަސްގެ އެލިއަންޒް ސްޓޭޑިއަމްގައި ކުޅުނު މެޗަށް ނިކުތްއިރު ޔުވެންޓަސްއަށް ލީގުގައި އެންމެ ފަހުން ކުޅުނު ދެމެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އަނެއްކޮޅުން ޔުޑިނީސް މިމެޗަށް ނިކުތީ އެންމެ ފަހުން ލީގުގައި ކުޅުނު ފަސް މެޗުން ވެސް މޮޅެއް ނުލިބިއެވެ.
ދެޓީމުން ބައްދަލުކުރި މެޗުގައި ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެފައިވަނީ ޔުވެންޓަސްއިންނެވެ. ނަމަވެސް އެޓީމަށް ވަނީ ގޯލަށް އަމާޒުކޮށް އެންމެ އެދެވޭ ފަދަ ހަމަލާއެއް ފޮނުވާނުލެވިފައެވެ.
މެޗުގެ ހަމައެކަނި ގޯލު ފެނިގެންގޮސްފައިވަނީ މެޗުގެ 25 ވަނަ މިނެޓުގައެވެ. މިލަނޑަކީ ލިބުނު ހިލޭ ޖެހުމަކުން ފަހިވި ފުރުސަތަކުން ޔުޑިނީސްގެ ޑިފެންޑާރ ލައުޓާރޯ ގިއަނެއްޓީ ކާމިޔާބު ކުރި ލަނޑެކެވެ. މިލަނޑަކީ މުޅި މެޗުގައި ޔުވެންޓަސްގެ ގޯލަށް އަމާޒުކޮށް ޔުޑިނީސްއަށް ފޮނުވާލެވުނު ހަމައެކަނި ހަމަލާއެވެ.
އެންމެ ފަހުން ޔުޑިނީސްއަށް ޔުވެންޓަސް ބަލިކުރެވިފައި ވަނީ 2020 ވަނަ އަހަރުގައެވެ. މިމެޗަކީ މިސީޒަނުގައި ޔުވެންޓަސް އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.
މެޗުން ނާކާމިޔާބުވުމާއެކު އެއްވަނައިގައި އޮތް އިންޓާ މިލާނާ އޮތް ފަރަގު ކުޑަ ކުރުމުގެ ފުރުސަތު ޔުވެންޓަސްއަށް ވަނީ ގެއްލިފައެވެ. ޔުވެންޓަސް އޮތީ ކުޅުނު 24 މެޗުން ލިބުނު 53 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތް އިންޓާ މިލާނަށް ލިބިފައިވަނީ 60 ޕޮއިންޓެވެ. ވަރުގަދަ ޔުވެންޓަސް ބަލިކޮށްލި ޔުޑިނީސް އޮތީ ކުޅުނު 24 މެޗުން ލިބުނު 22 ޕޮއިންޓާއެކު ތާވަލުގެ 15 ވަނައިގައެވެ.