ޣައްޒާގައި ފަލަސްތީނާއި އިސްރާއީލާ ދެމެދު އެންމެ ފަހުން ހިނގި ހަމަނުޖެހުންތަކުގައި މަރުވި ފަލަސްތީނުގެ މީހުންގެ އަދަދު ގާތްގަނޑަކަށް 30،000 އަށް އަރާފައިވާ ކަމަށް ރަޝިޔާގެ ފޮރިން މިނިސްޓަރު ސާޖީ ލަވްރޯވް ވިދާޅުވެއްޖެއެވެ.

"އެންމެ ފަހުގެ އަޕްޑޭޓްތަކަށް ބަލާއިރު، ސީދާ އަދަދުތަކެއް ލިބިފައި ނުވި ނަމަވެސް، ގާތްގަނޑަކަށް 30،000 ފަލަސްތީނުގެ މީހުން މަރުވެފައިވާއިރު، އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ އަންހެނުންނާއި ކުޑަކުދިން" ވަލްޑައި ޑިސްކަޝަން ކްލަބުން އިންތިޒާމްކޮށްގެން ބޭއްވި 13 ވަނަ މެދުއިރުމަތީ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރަޝިޔާގެ ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.

އަދި މަރުވި މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް ލަވްރޯވް ވިދާޅުވި އެވެ. މިމަހުގެ ހަތް ވަނަ ދުވަހު އިޒްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މިސްރުގެ ބޯޑަރުގައި އޮންނަ ރަފާހަށް އަރައިގަތުމަށް ތައްޔާރުވުމަށް ޔަހޫދީ ދައުލަތުގެ އަސްކަރިއްޔާއަށް އަންގާފައިވާ ކަމަށް ވިދާޅުވެފައެވެ.

ފެބްރުއަރީ 11 ވަނަ ދުވަހުގެ ކުރީކޮޅު އަރަބި މީޑިއާތަކުން ވަނީ އިސްރާއީލުން ރަފާއަށް ބޮޑެތި ވައިގެ ހަމަލާތަކެއް ދީފައިވާ ކަމަށް ރިޕޯޓްކޮށްފަ އެވެ. ލުބުނާނުގެ ޓީވީ ޗެނަލް އަލް މަޔާދީން އިން ބުނާ ގޮތުގައި މި ހަމަލާގައި 100 މީހުން މަރުވެފައިވާއިރު، 230 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.