ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރެއާލް މެޑްރިޑް އަދި ލެއިޕްޒިގް ބައްދަލުކުރި މެޗު 1-0 އަކުން ރެއާލުން ކާމިޔާބު ކޮށްފިއެވެ.

ލެއިޕްޒިގުގެ ރެޑްބުލް އެރީނާ ސްޓޭޑިއަމްގައި ދެޓީމުން ބައްދަލުކުރި މެޗަކީ މުބާރާތުގެ ގްރޫޕު ސްޓޭޖަށްފަހު ކުޅޭ ދެވަނަ ބުރުގެ ފުރަތަމަ މެޗެވެ.

ރެއާލުން މެޗަށް ނިކުތީ އިންޖަރީގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ޖޫޑް ބެލިންގްހަމްގެ ބަދަލުގައި ބްރާހިމް ޑިއާޒް އަރުވައިގެންނެވެ.

މެޗުގައި ދެޓީމުގެ ފަރާތުން ވެސް ފެނިގެންގޮސްފައިވަނީ ވަރަށް ވާދަވެރި ކުޅުމެކެވެ. ދެޓީމުން ވެސް ވަނީ ގޯލު ޖެހުމަށް އެތައް ނުރައްކާތެރި ފުރުސަތުތަކެއް ފަހިކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމިގެން ދިޔައިރު ވެސް ދެޓީމުންކުރެ އެއްޓީމަށް ވެސް ލަނޑެއް ޖެހޭ ގޮތް ވަނީ ނުވެފައެވެ.

މެޗުގެ ހަމައެކަނި ގޯލު ރެއާލުން ކާމިޔާބު ކުރީ ދެވަނަ ހާފު ފެށިގެން 3 މިނެޓު ތެރޭގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ސްޕެއިންގެ ބްރާހިމް ޑިއާޒެވެ. ޑިއާޒުގެ ގޯލާއެކު ލެއިޕްޒިގުން ވަނީ ކުޅުން ރަނގަޅުކޮށް, ގޯލެއް ޖެހުމަށް އެތައް ފުރުސަތެއް ފަހިކޮށްފައެވެ. ނަމަވެސް އިންޖަރީގައި ހުރި ގޯލްކީޕާރ ތީބައު ކޯޓުއާގެ ބަދަލުގައި ހުރި އަންޑްރީ ލުނިން ވަނީ ހުށިޔާރުކަމާއެކު އެހުރިހާ ހަމަލާއެއް މަތަކޮށްފައެވެ.

ދެވަނަ ބުރުގެ ދެވަނަ މެޗަށް ދެޓީމުން ނިކުންނާނީ މާޗު މަހުގެ 7 ވަނަ ދުވަހު, ރެއާލުގެ ސެންޓިއާގޯ ބާނިބާއޯ ސްޓޭޑިއަމްގައެވެ.