ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ކޮޕެންހޭގަން އަދި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު, 3-1 ގެ ނަތީޖާއަކުން ފަސޭހަކަމާއެކު ސިޓީއިން ކާމިޔާބު ކޮށްފިއެވެ.
ކޮޕެންހޭގެންގެ ޕާކެން ސްޓޭޑިއަމްގައި ކުޅުނު މެޗު ކޮންޓްރޯލު ކޮށްގެން ރަނގަޅަށް ކުޅެފައިވަނީ ސިޓީއިންނެވެ. އެގޮތުން މެޗުގެ 10 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކެވިން ޑިބްރުއިންއެވެ. މެޗުގެ 34 ވަނަ މިނެޓުގައި ކޮޕެންހޭގަންއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑަކީ, ސިޓީގެ ގޯލްކީޕާރ އެޑާސަން މޮރެއާސްއަށް ހެދުނު ގޯހަކުން ފަހިވި ފުރުސަތަކުން, ކޮޕެންހޭގަންގެ މެގްނަސް މެޓްސަން ކާމިޔާބު ކޮށްދިން ލަނޑެކެވެ. މެޓްސަން ކާމިޔާބު ކުރި ލަނޑަކީ ކޮޕެންހޭގަންގެ ތާރީހުގައި, އެޓީމުން ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ކާމިޔާބު ކުރި ފުރަތަމަ ލަނޑެވެ.
ސިޓީއަށް ދެވަނަ ފަހަރަށް މެޗުގެ ލީޑު ނެގުނީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޕޯޗުގަލްގެ ބާނާޑޯ ސިލްވާއެވެ. ސިޓީއިން އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބު ކުރީ މެޗުހެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގައެވެ. މިލަނޑު ކާމިޔާބު ކުރީ, ފަހަކަށް އައިސް މޮޅު ކުޅުމެއް ދައްކަމުން އަންނަ, އިނގިރޭސިވިލާތުގެ ޒުވާން ތަރި ފިލް ފޯޑެންއެވެ.
ދެޓީމުން މުބާރާތުގެ ދެވަނަ ބުރުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ, މާޗު މަހުގެ 7 ވަނަ ދުވަހު, ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައެވެ