ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި, ރެއާލް ސޮސައިޑޭޑް 2-0 ގެ ނަތީޖާއަކުން ބަލިކޮށް, މުހިއްމު މޮޅެއް ޕީއެސްޖީއިން ހޯދައިފިއެވެ.
ޕީއެސްޖީގެ ޕާކް ޑެ ޕްރާންސް ސްޓޭޑިއަމްގައި ދެޓީމުން ބައްދަލުކުރި މެޗަކީ, މުބާރާތެއްގައި ދެޓީމުން ބައްދަލު ކުރި ފުރަތަމަ މެޗެވެ. މިމެޗަކީ 2003-2004 ވަނަ އަހަރުގެ ސީޒަނަށް ފަހު ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރެއާލް ސޮސައިޑޭޑްއިން ވާދަކުރާ ފުރަތަމަ ފަހަރެވެ.
މެޗު ފެށިގެން ރަނގަޅަށް ކުޅެފައިވަނީ ހޯސްޓު ޓީމު ކަމުގައިވާ ޕީއެސްޖީއިންނެވެ. ޕީއެސްޖީއިން މެޗުގައި ލީޑު ނެގުނީ 58 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޓީމުގެ ސުޕާރ ސްޓާ ކިލިއަން އެމްބާޕޭއެވެ. ޕީއެސްޖީއިން އެޓީމުގެ ލީޑު ފުޅާކުރީ 70 ވަނަ މިނެޓުގައި ޕީއެސްޖީގެ ޒުވާން ތަރި ބްރޭޑްލީ ބާކޯލާ ކާމިޔާބު ކުރި ލަނޑަކުންނެވެ. މެޗުގައި އެންމެ އެދެވޭ ފަދަ ކުޅުމެއް ނުދެއްކުނު ރެއާލް ސޮސައިޑޭޑަށް މެޗުގެ ނުވަދިހަ މިނެޓު ހަމަވިއިރު ވެސް ޕީއެސްޖީގެ ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ.
ދެވަނަ ބުރުގެ ދެވަނަ މެޗަށް ދެޓީމުން ނިކުންނާނީ މާޗު މަހުގެ 6 ވަނަ ދުވަހުގައި, ރެއާލް ސޮސައިޑޭޑްގެ އަނޮއެޓާ ސްޓޭޑިއަމްގައެވެ.