ޗެޕްމިއަންސް ލީގުގެ ދެވަނަ ބުރުގައި ލާޒިއޯ އަދި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 1-0 އިން ލާޒިއޯ ކާމިޔާބު ކޮށްފިއެވެ.
ލާޒިއޯގެ ދަނޑު ކަމުގައިވާ ސްޓޭޑިއޯ އޮލިމްޕިކޯގައި ލާޒިއޯއިން ކުޅުނު މެޗަކީ އެޓީމުގެ ތާރީހުގައި, ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އެޓީމުން ކުޅޭ ތިންވަނަ ފަހަރެވެ. ލާޒިއޯއިން އެންމެ ފަހުން މުބާރާތުގެ ދެވަނަ ބުރުގައި ކުޅުނީ 2020-2021 ވަނަ ސީޒަނުގައެވެ. އެފަހަރު އެޓީމުން މުބާރާތަށް އަލްވަދާއު ކިޔަން ޖެހުނީ ބަޔާން އަތުން ނާކާމިޔާބު ވެގެންނެވެ.
މެޗުގައި ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރަށް އާދައިގެ ކުޅުމެކެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައިރު ވެސް ދެޓީމަށް ވަނީ ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް އުފެއްދޭ ގޮތް ނުވެފައެވެ.
މެޗުގައި ފެނިގެންދިޔަ ހަމަ އެކަނި ގޯލަކީ މެޗުގެ 69 ވަނަ މިނެޓުގައި ލާޒިއޯގެ ޗީރޯ އިމޯބިލޭ ޖެހި ޕެނަލްޓީއަކުން ކާމިޔާބު ކުރި ލަނޑެކެވެ. މިޕެނަލްޓީ ލާޒިއޯއަށް ލިބުނީ ބަޔާންގެ ޑިފެންޑާރ ޑަޔޮޓް އުޕަމެކާނޯ ކުރި ފައުލަކުންނެވެ. މިފައުލާ ގުޅިގެން އުޕަމެކާނޯއަށް ވަނީ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ.
10 ކުޅުންތެރިންނާއެކު މެޗުގެ 20 މިނެޓު ކުޅެން ޖެހުނު ބަޔާނަށް ލަނޑެއް ޖެހުމަށް އެހާ އެދެވޭ ފަދަ ފުރުސަތުތަކެއް ފަހި ކުރެވިގެނެއް ނުދިޔައެވެ. މެޗުގެ ނުވަދިހަ މިނެޓު ހަމަވެގެންދިޔައިރު ވެސް އެޓީމަށް ލާޒިއޯގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ.
ދެވަނަ ބުރުގެ ދެވަނަ މެޗަށް ދެޓީމުން ނިކުންނާނީ މާޗު މަހުގެ 6 ވަނަ ދުވަހު, ބަޔާންގެ އެލިއަންޒް އަރީނާ ސްޓޭޑިއަމްގައެވެ.