ހދ. ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގެ ދަރިވަރުން، އެމްއެންޑީއެފް ކޯސްޑްގާޑު ޝިޕް ޝަހީދު އަލީއަށް މިއަދު ޒިޔާރަތްކޮށްފިއެވެ.

އެ ސްކޫލުގައި ތައުލީމު ހާސިލުކުރަމުންދާ 94 ދަރިވަރުން ބައިވެރިވި މި ޒިޔާރަތަކީ، ކަނޑު ދަތުރުފަތުރާ ބެހޭ ގޮތުން މައުލޫމާތު ހޯދުމަށް ކުރި ޒިޔާރަތެކެވެ. މީގެ އިތުރުން އަފީފުއްދީން ސްކޫލުގެ ދަރިވަރުންނާއެކު 10 ޓީޗަރުންވެސް މި ޒިޔާރަތުގައި ބައިވެރިވިއެވެ.

އެމްއެންޑީއެފުން ބުނީ މި ޒިޔާރަތުގައި، ދަރިވަރުންނަށް ވަނީ ކަނޑު ދަތުރުފަތުރާ ގުޅޭ ގޮތުންނާއި، ކަނޑުދަތުރުފަތުރު ކުރުމުގައި ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުންނާއި، ލައިފް ޖެކެޓް އަޅަންވީ ގޮތާއި، ފަޔަރ އިކުއިޕްމަންޓް، އަދި ޑައިވިންގ އިކުއިޕްމަންޓް ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށެވެ.

މި ޒިޔާރަތުގައި، ދަރިވަރުންނަށް މައުލޫމާތު ފޯރުކޮށްދިނީ ކޯސްޓްގާޑު ޝިޕް ޝަހީދު އަލީގައި މަސައްކަތްކުރާ ސިފައިންނެވެ.