ކޮރޯނާ ވައިރަސްގެ އެންމެ ހަލަބޮލި ދުވަސްވަރު މިސްމީޑިއާގައި ރިޕޯޓްކޮށް އުޅުނު ބްލޮގަރު ފެބްރުއަރީ ގައި ގެއްލުނު ފަހުން މިހާރު އޭނާގެ ޚަބަރެއް ވެއްޖެއެވެ.

ސެންޓްރަލް ވޫހާނަށް ދަތުރުކޮށް، ކޮރޯނާގެ ވާނުވާގެ މަޢްލޫމާތު ގެނެސްދިން ޗެން ޝިއުޝީ މިހާރު އުޅެނީ އޭނާގެ މައިންބަފައިންނާއެކު ސަރުކާރުގެ ބެލުމުގެ ދަށުގައެވެ.

އޭނާއަކީ ބެއިޖިންގ ގައި ރެޖިސްޓަރ ވެފައިވާ މީހެކެވެ. ނަމަވެސް އޭނާ މިހާރު ގެންގޮސް ބަހައްޓާފައިވަނީ ޗިންޑާއޯގައެވެ.

އޭނާ ފެނިފައިވާ ކަމަށާއި ސަރުކާރުގެ ބެލުމުގެ ދަށުގައި އޭނާ ބަހައްޓާފައި ހުރިކަން އޭނާގެ ރަހްމަތްތެރިއަކު ވަނީ ޔަގީން ކޮށްދީފައެވެ. އަދި ޗެން ކޮށްފައިވާ ދަތުރުތަކާއި އޭނާ ބައްދަލުވެފައިވާ މީހުންގެ މަޢްލޫމާތު ހޯދައި އޭނާއާ "އެއްވެސް ބޭރުގެ ބާރަކާ" ގުޅުމެއް ނުވާކަން ޔަގީން ވުމުން ސަލާމަތީ ފަރާތްތަކުން ވަނީ އޭނާއާ ދެކޮޅަށް ދައުވާ ނުކުރަން ނިންމައި އޭނާ ގޭގެ ބަންދުގައި ސަލާމަތީ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ބަހައްޓާފައެވެ.

https://youtu.be/Iwpr55PZEJ8

ޗެންއަށް މީޑިއާއާ ވާހަކަ ދެއްކުންވެސް ވަނީ މަނާކޮށްފައެވެ. އަދި އޭނާއާ ބައްދަލުކުރާނަމަ ސަލާމަތީ ފަރާތުން ހުއްދަ ހޯދަންވެސް ޖެހެއެވެ.

ވޫހާނަށް 24 ޖެނުއަރީގައި އައިސް ބިރު ކަނޑާލައި އޭނާ ދިން ވީޑިއޯ ރިޕޯޓްތަކުން ޗައިނާއިން ސިއްރު ކުރަމުން ދިޔަ ވައިރަސްގެ ހާލަތު ދުނިޔެއަށް ބޭޒާރުވެ މީހުން ހޭވެރިކަމެއް ވިއެވެ.

އޭނާ ވަނީ ހަސްފަތާލު ތަކާއި މީހުން އަންދާ ތަންތަނާއި އެމްބިއުލޭންސްގެ ހާލަތްވެސް ކިޔައިދީ ވެގެން އުޅޭ ގޮތް ދުނިޔެއަށް ގެނެސްދީފައެވެ.

އޭނާ ގެއްލުނީ 6 ފެބްރުއަރީގައެވެ.